ކޮވިޑް-19 އާއި ގުޅޭ ކަންކަން ތަންފީޒުކުރުމުގައި މުޅި ފުލުހުންގެ މުއައްސަސާ ގުޅިގެން މަސައްކަތް ފަށައިފި

ކޮވިޑް 19 އާއި ގުޅޭ ކަންކަން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންގެ އިތުރުން ފުލުހުންގެ އިދާރީ ބަހާތަކާއި ސީނިއަރ އޮފިސަރުންވެސް ހިމެނޭގޮތަށް މަގުމަތީގައި އިތުރު ފުލުހުން އިއްޔެއިން ފެށިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެ ސިޓީގައި މަސައްކަތްކުރާ އޮޕަރޭޝަނަލް ފުލުހުންނަަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން އިދާރީ ބަހާތަކުން 165 ފުލުހުންނާއި ސީނިއަރ އޮފިސަރުންގެ 44 އޮފިސަރުން ދަނީ ކާފިއުގަޑީގައާއި އެހެނިހެން ގަޑިތަކުގައިވެސް މަސައްކަތްކުރަމުންނެވެ.  މިގޮތުން ޖުމްލަ 209 ފުލުހުން ދަނީ ދެ ޝިފްޓަކަށް މަސައްކަތްކުރަމުންނެވެ.

މިދިޔަ އަހަރު ތެރޭގައި މާލެ ސިޓީ ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެންވެސް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވަނީ މިގޮތަށް އޮޕަރޭޝަނަލް މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައެވެ. 2019 ން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ބިނާކޮށްފައިވާ މައިގަނޑު އެއް އަސާސަކީ ފްރަންޓްލައިން ފަސްޓުގެ ސިޔާސަތެވެ. އަދި  މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސާނީ ވަސީލަތުގެ ބޮޑުބައެއް ކޮވިޑް 19 ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުން އަންނަނީ ތަފާތު ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމުގައިވެސް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިދިޔަ އަހަރުވެސް، އޭގެ ކުރީ އަހަރެކޭ އެއްފަދައިން ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަގޮސްފައިނުވާކަމީ އުފަލާއެކު ފާހަގަކުރާކަމެކެވެ. ހަމައެއާއެކު، މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މާލޭގައި ގުރޫޕްތަކުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތައް ހުއްޓުވައި، ތަހުގީގުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުންގެ ދެމިތިބޭނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވަމެވެ. އަދި  ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދެއްވައި، މަގުމަތީގައި އުޅޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރަމެވެ.

ޚަބަރާއި ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ