ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދަށް މިވަނީ ނުވައަހަރު ފުރުފިއަވެ. ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަމަށް ނިމުން އައިއިރު، އެ މާޒީވި ދުވަސްތަކުގެ ހަނދާންތައް ނަޝީދު މިވަނީ މިއަދު ކުރެއްވި ޓްވީޓަކުން ހާމަކޮށްފައެވެ. ނަޝީދު ވިދާޅުވީ، އެެދުވަހު ހިނގާދިޔަ ކަންތައްތަކަަށް މާފުކުރެވެން ނެތް ކަމަށެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ވެރިކަން ނިމުމަކަށްއައީ ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރީ ބަޣާވާތުން ކަމަށެވެ.
ޅެން ބައިތަކުން އެ ދުވަހުގެ ހަނދާންތައް އާކުރައްވާ ނަޝީދު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓުގައި ނަޝީދު ލިޔުއްވާފައިވަނީ، " ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ. އަދާ ހަމައަށް މި ހާލަތު ގެނައުމީ. ކުޑަ ކުޑަ ކުށެއް ނޫނޭ" މިހެންނެވެ.
މީގެ އިތުރުން، އެ ދުވަހު ހިނގާ ދިޔަ ކަންތައްތަކަކީ އުދުވާނީ ހަމަލާއެއްކަމަށް ސިފަކޮށް، ނަޝީދު ލިޔުއްވާފައިވަނީ، "ޒަމާން ތަކަކަށް ވި ޤުރުބާނީ، ފަނާވެވި ޖިސްމް އިންސާނީ. އަމާންކަން ނެއްޓި އުދުވާނީ. މާފް ކުރާ ވަރެއް ނޫނޭ" މިހެންނެވެ.
Hadhaanthah hithuge vikamun genuvanee, filuvey thadheh nooney
Adhaa hama ah mi haalath genaumee,
kuda kuda kusheh nooneyZamaan thakakah vi qurubaani,
fanaavevi jismu insaanee
Amaankan netti udhuvaanee,
maaf kuraa vareh nooney— Mohamed Nasheed (@MohamedNasheed) February 7, 2021
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ "ހަރާން ބަޤާވާތަކުން" ކަމަށް އޭގެ 9 އަހަރު ފަހުން މިއަދުވެސް އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އެޕާޓީގެ ގިނަ އާންމު މެންބަރުން ދަނީ ބުނަމުންވެ.
އޭރު އިދިކޮޅުގައި ހުންނެވި ގިނަ ފަރާތްތަކަކީ މިއަދު މިއޮތް ސަރުކާރުގެ އިސް ފަރާތްތަކެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން އުފެދުނު ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ފަރާތްތަކެއް މިއަދުގެ ސަރުކާރުގެ އިސް މަޤާމު ތަކުގައިވެސް އެބަތިއްބެވި އެވެ.



