ކުރިއަށް އޮތް 3 މަހުވެސް "މަކުޑި ޕޯޓަލް" މެދުވެރިކޮށް ޕެސްޓިސައިޑް އެތެރެކުރެވޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، "މަކުޑި ޕޯޓަލް" މެދުވެރިކޮށް ޕެސްޓިސައިޑް އެތެރެކުރެވޭނީ ޤާނޫނު ނަންބަރު: 21/2010 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: 12-R/2021 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު) ޢަމަލުކުރުމަށްޓަކައި ބޭނުންވާ އިންތިޒާމތައް ހަމަޖެހެންދެންކަމަށެވެ.
ޤާނޫނު ނަންބަރު: 21/2010 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު: 12-R/2021 (ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު) ދިވެހިސަރުކަރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވަނީ 27 ޖަނަވަރީ 2021 ގައެވެ.
އަދި މި ގަވާއިދަށް ޢަމަލު ކުރުމަށްޓަކައި ނުވަތަ މި ގަވާއިދު ތަންފީޛު ކުރުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އުސޫލުތަކާއި، މިންގަނޑުތައް ހަދައި ހިންގުމުގެ ބާރު މި މިނިސްޓްރީއަށް ލިބިގެންވާއިރު، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަސް ތެރޭގައި، ބުނެވިދިޔަ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އުސޫލުތަކާއި މިންގަނޑުތައް ހަދައި އާންމުކޮށް އިޢުލާންކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން، މި އިންތިޒާމުތައް ހަމަޖައްސައި އާންމުކޮށް އިޢުލާން ކުރެވެންދެން، މިހާރުވެސް އަމަލުކުރަމުންދާ މިނިސްޓްރީ އޮފް ޑިފެންސްގެ ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ ދަށުން "މަކުޑި ޕޯޓަލް"އިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ހުއްދަތައް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ގުޅޭ މުޢާމަލާތްކުރައްވާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ." ފިޝަރީޒް މިނިސްޓްރީންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދުގެ ދަށުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު އިމްޕޯޓްކުރުމަށާއި، ވިއްކުމަށާއި، އަލުން ބަންދުކުރުމަށާއި، އުފެއްދުމަށާއި އެކްސްޕޯޓްކުރުމަށް ލައިސަންސް ހޯދައި، ލައިސަންސްގެ ދަށުން އައު ޕެސްޓިސައިޑް އެތެރެކުރުމުގެ ހުއްދަހޯދައި ޝިޕްމަންޓްތަކުގެ ނޯޓިފިކޭޝަން ދިނުމަށް ބަޔާންކޮށްފައިވެއެވެ.
"ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު (21/2019)" ދަށުން 'ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓްރީ' ފިޝަރީޒް މިނިސްޓްރީން މިދިޔަ އަހަރުގެ ފަހުކޮޅު ޢާންމުކޮށްފައިވާއިރު، އެ މިނިސްޓްރީން ވިދާޅުވީ މި ރަޖިސްޓްރީ ޝާއިޢުކުރުމާއެކު، ރަޖިސްޓްރީގައި ނުހިމެނޭ ޕެސްޓިސައިޑުގެ ބާވަތެއް އިމްޕޯޓްކުރުމާއި، އެކްސްޕޯޓުކުރުމާއި، ދިވެހިރާއްޖޭގައި ބޭނުންކުރުން އަންނަނިވި ގޮތުގެމަތިން މަނާވާނެކަމަށެވެ.
1. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، ރަޖިސްޓްރީގައި ނުހިމެނޭ ބާވަތެއް ދިވެހިރާއްޖެއިން ބޭރުން ގެނައުމަށް އޯޑަރުކުރުން މަނާވާނެއެވެ.
2. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 2 (ދޭއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖެއަށް އެތަކެތި އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާވާނެއެވެ.
3. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 3 (ތިނެއް) މަސްދުވަސް ހަމަވުމަށްފަހު، ދިވެހިރާއްޖޭގައި އެ ތަކެތި ވިއްކުން މަނާވާނެއެވެ.
4. ރަޖިސްޓްރީ ޝާއިޢުކުރާ ތާރީޚުން ފެށިގެން، 12 (ބާރަ) މަސް ހަމަވުމަށްފަހު އެ ތަކެތި ބޭނުންކުރުން މަނާވާނެއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑުގެ މުޢާމަލާތްތައް ހިންގުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑު އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށާއި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރުމަށް ހުއްދަ ދޭ ބާވަތްތަކުގެ ރަޖިސްޓްރީ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީ މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.