އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމަކީ މަނާކަމެއް ކަމަސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ، ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް
ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. ނަމަވެސް އެއީ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާޢިދުގައިވާގޮތުން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ އެމިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއިން އެމަސައްކަތެއް ހަވާލުކުރާ ފަރާތަކަށެވެ.
މިޤަވާއިދުގައި ކަނދުފަތި ޤާއިމްކުރުމުގައި ގުޅޭގޮތުން ހިމަނާފައިވާ ހަމަތައް ހިމަނާފައިއެވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާ ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތްކަމަކަށްވެފައި އަދި ދިވެހިރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ޤައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުންނެވެ.
ކަނދުފައްޗަށް ގެއްލުންދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގަނައުމަކީ ވެސް މަނާކަމެއްކަމުގައި މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ޤަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށް ފިޝަރީޒް އިން ވިދާޅުވިއެވެ.