ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅުން ނުކުމެ ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާ މޮޅު ކޮށްދީފިއެވެ.
ސްޕެނިޝް ލަލީގާގައި ރޭ ރެއަލް ބެޓިސްއާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ރެއަލް ބެޓިސްއިން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ 38 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ބޯހާ އިގްލީސިއަސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އިތުރު ލަނޑެއް ނުފެނި މެޗުގެ ފުރަތަމަ ނިމުނީ ބެޓިސް ކުރީގައި އޮވެއެވެ.
މެޗުން މޮޅުވާން ބޭނުންވެފައިވާ ބާސެލޯނާއިން މެޗުގެ ދެވަނަ ހާފުގައި ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެން ނެރުނެވެ. މެސީ ކުޅެން ނުކުމެފައިވަނީ މެޗުގެ 57 ވަނަ މިނަޓްގައެވެ. އަދި 59 ވަނަ މިނަޓްގައި މެސީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
މިއީ މިސީޒަންގެ ލަލީގާގައި މެސީ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މިސީޒަންގެ ލަލީގާގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވަނީ ކުރިން ބާސެލޯނާއަށް ކުޅުނު ލުއިޒް ސުއަރޭޒްއެވެ. ސުއަރޭޒް މިހާތަނަށް 14 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
މެސީ ކުޅެން ނުކުތުމާއެކު ބާސެލޯނާގެ ހަމަލާތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ. އަދި ބާސެލޯނާގެ ފުރަތަމަ ލަނޑަށްފަހު އޭގެ ނުވަ މިނިޓް ފަހުން ބެޓިސްގެ ވިކްޓަ ރުއީޒް އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގިއެވެ.
ނަމަވެސް މެޗުގެ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުމަކުން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖަހަގައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރުއީޒް ވަނީ މެޗުގެ 75 ވަނަ މިނިޓްގައި ބެޓިސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގައި ބާސެލޯނާއިން މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތ ހަމަވާން ތިން މިނަޓަށް ވެފައިވަނިކޮށެވެ. ޕޯޗުގީސް ޒުވާން ތަރި ޓްރިންކާއޯ ކާމިޔާބުކޮށްދިން ހިތްގައިމު މިލަނޑަކީ އޭރިއާގެ ރޮނގުމަތިން ގޯލްގެ މަތީ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މިމޮޅާއެކު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 43 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އެއް މެޗު މަދުން ކުޅެގެން އެތްލެޓިކޯ މެޑްރިޑް އޮތީ 50 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ރެއާލް ބެޓިސް އޮތީ ކުޅުނު 22 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ.
That's six wins in a row... can @FCBarcelona win #LaLigaSantander still? ????#LiveStandings pic.twitter.com/V6QBnyiqNa
— LaLiga English (@LaLigaEN) February 7, 2021




