ގދ.ތިނަދޫއިން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، ތިނަދޫއިން ނެގި ރޭންޑަމް ސާމްޕަލެއް ޕޮޒިޓިވްވުމާއި ގުޅިގެން، ކޭސް އިންވެސްޓިގޭޓް ކުރަމުންދާ ކަމަށެވެ.
އައްޑޫ ސިޓީ އިން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ތިނަދޫގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވާއިރު، ޕޮޒިޓިވް ވި ސާމަޕަލް އަކީ އޭގެތެރެއިން އެއް ސާމްޕަލްކަން ފާހަގަކޮށްލެވެއެވެ.
ތިނަދޫ އިން މިއަދު އަނެއްކާވެސް ޕޮޒިޓިވް ކޭސް އެއް ފެނި، އެރަށުގެ މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަމުގެ ނިޝާންތަކެއް ފެނިފައިވާއިރު، މީގެ ކުރިން އައްޑޫ އިން އެރަށަށް ދަތުރުކުރި މީހަކުވެސް ޕޮޒިޓިވް ވެފައިވެއެވެ. އެއީ، ހިތަދޫ ކްލަސްޓާ އާ ގުޅުން ހުރި މީހެކެވެ.
އައްޑޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ކައިރީގައި އޮންނަ ފުވައްމުލައް ސިޓީ އިންވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި، ފާއިތުވި 14 ދުވަހުގެ ތެރޭގައި އައްޑޫ އަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ގޭގައި މަޑުކުރުމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން އިލްތިމާސް ކުރައްވާފައިވެއެވެ.
އައްޑޫ ހިތަދޫ ކްލަސްތާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ ތަމްރީނެއް ނަގައިދިނުމަށް އެ ސިޓީއަށް ދިޔަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިޝަލުންތަކެއްކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް، އެފަރާތްތައް އައްޑޫ އަށް ދަތުރުކޮށްފައިވަނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުކަމަށް އޭވިއޭޝަން ސެކިއުރިޓީން ބުނެފައިވެއެވެ.
މި މަހުގެ ތެރޭގައި ތިނަދޫގައި މަސައްކަތް ކުރުމަށްފަހު މާލެ ދިޔަ ތަނުން ޖެންޑަރ ގެ ދެ މުވައްޒަފުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.