އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓޭޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) ގެ ެވޭތުވެދިޔަ 10 އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެއެވެ.
ބޭރުގެ މީޑިއާތަށް ރިޕޯރޓްކޮށްފައިވާ ގޮތުން އައިއެފްއެފްއެޗްއެސްގެ މިލިސްޓުގެ އެއްވަނަ މެސީއަށް ލިބޭއިރު، ލިސްޓްގެ ދެވަނާގައި އޮތީ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ތިންވަނާގައި ކުރިން ބާސެލޯނާއަށް ކުޅުނު އިނިއެސްތާ އުޅޭއިރު، ނޭމާއަށް ލިބެނީ މިލިސްޓުގެ ހަތަރު ވަނައެވެ.
މީގެއިތުރުން ދެ ކީޕަރަކުވެސް މިލިސްޓްގެ ގަދަ ދިހައަކުންވަނީ ޖާގަ ހޯދާފައެވެ. އެއީ ބަޔާންގެ ކީޕަރު ނޯޔާރއާއި ޔުވެންޓަސްގެ ކީޕަރު ބުފަންއެވެ. ނޯޔާރއަށް ލިސްޓުގެ ހަވަނަ ލިބޭއިރު ބުފަންއަށް ލިބެނީ 8 ވަނައެވެ.

ވޭތުވެދިޔަ 10 އަހަރުގެ އެންމެ މޮޅު ދިހަ ކުޅުންތެރިންގެ އިިތުރުން އައިއެފްއެފްއެޗްއެސްއިން ހޮވާފައިވާ އެވޯޑުތަކަށް ބަލާލާއިރު، ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ބަޔާންގެ ރޮބާޓް ލެވެންޑޯސްކީ ހޯދާފައިވާއިރު، މިދިޔަ އަހަރުގެ އެންމެ މޮޅު ލަނޑުޖެހުންތެރިޔާއަކީވެސް އޭނާއެވެ. ބަޔާންއާއެކު ލެވެންޑޯސްކީ މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފައިވާއިރު އެތިން މުބާރާތުގެވެސް އެންމެ ގިނަ ލަނޑުޖަހާފައިވަނީ އޭނާއެވެ.
މިއީ 2011 ން 2020 އާއިދެމެދު ދެއްކި ކުޅުމަށް ބަލާ ދެވިފައިވާ ވޯޓުތަކާއެކު ހޮވާފައިވާ ވަނަތަކެކެވެ. މިމުއްދަތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މެސީ ހޮވިފައިވާއިރު މެސީވަނީ މި 10 އަހަރުތެރޭ ޗެމްޕިއަންސް ލީގު 2 ފަހަރު ކާމިޔާބުކޮށް ތިން ފަހަރު ސެމީއަށް އަދި ފަސް ފަހަރު ކުއާޓާރއަށް ދަތުރުކޮށްފައެވެ.
އަދި ލިސްޓުގެ ދެވަނަ ލިބުނު ރޮނާލްޑޯ މިމުއްދަތުގައި ރެއަލްމެޑްރިޑާއެކު ޖެހި ޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.




