ރޮނާލްޑޯގެ ރެކޯޑެއް ސުއަރޭޒް މުގުރާލައިފި

ރެއަލްމެޑްރިޑުގައި ހޭދަކުރި ދުވަސްރު ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑެއް ލުއިޒް ސުއަރޭޒް މުގުރާލައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯއާއި ދެކޮޅަށް ސުއަރޭޒް ކާމިޔާބުކުރި ދެލަނޑާއެކު ލަލީގާގައި އެއް ކްލަބަށް އެންމެ އަވަހަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް އޭނާވަނީ ވެގެން ގޮސްފައެވެ. ރޭ ކާމިޔާބުކުރި ދެލަނޑާއެކު މިސީޒަންގެ ލަލީގާގައި ސުއަރޭޒް ކާމިޔާބުކުރި ލަނޑުގެ އަދަދުވަނީ 16 އަށް އަރާފައެވެ. ލަލީގާގައި ސުއަރޭޒް އެތުލެޓިކޯއަށް މިހާތަނަށް ކުޅެދީފައިވަނީ އެންމެ 17 މެޗެވެ.

މިރެކޯޑު ކުރިން ހަދާފައިވަނީ ރެއަލްމެޑްރިޑާއެކު ރަނގަޅު ފެށުމެއް ފެށި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 2009 ވަނަ އަހަރު މެންޗެސްޓާރ ޔުނައިޓެޑް ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ރޮނާލްޑޯ ފުރަތަމަ ސީޒަންގައި ލަލީގާގެ ފުރަތަމަ 17 މެޗުން 15 ގޯލްވަނީ ކާމިޔާބުކޮށްފައެވެ.

ލަލީގާގައި މިހާތަނަށް ކާމިޔާބުކުރި 16 ލަނޑާއެކު މިސީޒަންގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނާގައިވެސް އޮތީ ސުއަރޭޒްއެވެ. 13 ލަނޑާއެކު ދެވަނާގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޮތްއިރު، ތިންވަނާގައި އޮތް ސެވިއްޔާގެ ޔޫސެފްވެސްވަނީ ހަމަ އެދަދަށް ލަނޑު ކާމިޔާބުކޮށްފައެވެ.

 

އެތުލެޓިކޯއިން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ސެލްޓަވީގޯއިން ކާމިޔާބުކުރި މެޗުގެ 13 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ މިނާއެވެ. އަދި ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ސުއަރޭޒްވަނީ ލަނޑެއް ކާމިޔާބުކޮށް އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ލަނޑެއްޖަހައި ސުއަރޭޒް އެތުލެޓިކޯއަށް ލީޑު ނަގައިދިންނަމަވެސް، މެޗުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއްމިނަޓަށް ވެފައިވަނިކޮށް ފެރޭރާ ސެލްޓަވީގޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސޮލާރީ ހުރަސްކޮށްދިން ބޯޅައަކުންނެވެ.

20 މެޗުން ލިބުނު 51 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް އުޅޭއިރު ދެވަނާގައި ބާސެލޯނާ އޮތީ 21 މެޗުން ލިބުނު 43 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ރެއަލްމެޑްރިޑަށްވެސް 21 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ