މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީގެ ސިޔާސީ ވާދަވެރިންނާއި، އެފަރާތްތަކުގެ ވާގިވެރިން ދިވެހި ޒުވާނުންނަށް ދަސްކޮށްދެއްވި ހަމައަކީ “ބެގް، ބޮރޯ އޯ ސްޓީލް”ކަމަށާއި، ފުރުސަތު ފަހިކޮށްދެއްވީ ސީރިޔާގެ ހަނގުރާމައިގެ މައިދާނުންކަމަށް ރަށްވެހި ފަތިސް ކެންޕޭނުން ބުނެފިއެވެ.
ބަންދުނޫން ކޮންމެ ދުވަހު އެމް.ޑީ.ޕީގެ މައިމަރުކަޒުގައި ރަށްވެހި ކެންޕޭންގެ ސްޕޯކްސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ދެއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޒުވާނުންގެ މުނިފޫހިފިލުވުމާއި، ހެލިފެލިވެ އުޅުމަކީ ދައުލަތުން އެކަމުގެ މައްޗަށް ވިސްނުން ބަހައްޓާ އެކަމަށް މަގުތަކެއް ކޮށައިދޭންޖެހޭ ކަމެއްކަމަށް ބުނީމާ އެއީ ބޭނުންނޫން، ވިޔާނުދާކަމެއްކަމުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއްވިކަމާމެދު ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ “އަޅުގަނޑުމެން ދަންނަ ހަމައިގައި ދީނާ ދުރު، ވިޔާނުދާ ގޮތަކީ ވައްކަމާއި، ރިޝްވަތު، އަނިޔާ ދިނުމާއި، މުދާ ފޭރުން”ކަމަށެެވެ.
އަދި ވިޔާނުދާ ވާހަކައަކީ ފަންނުވެރިން ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތުތަކާއި، އާޓް ނުވަތަ މިއުޒިކް ސްޓޫޑިއޯތައް ނެތުމާއި ޕްރެކްޓިސް ރޫމްތައް ނެތުމުގެ ޝަކުވާ އުފުލުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަށްވެހި ފަތިސް ސްޕޯކްސްޕާރސަން އިތުރަށް ވިދާޅުވީ އެމް.ޑީ.ޕީއަކީ ޒުވާނުންގެ ޕާޓީކަމަށާއި އެމް.ޑީ.ޕީއަށް ޒުވާނުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް ފަހުމުވާކަމަށެވެ.
ކުދި/މެދު ފަންތީގެ ވިޔަފާރިތަކަށް ކޯވިޑް ލޯނުއެހީގެގޮތުގައި +1 ބިލިޔަން ދޫކޮށްފައި އެވަނީ 4759 ދަރިވަރުންގެ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައި އެވަނީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި 222 ދަރިވަރަކަށް އެކު ޖުމުލަ އެހީގެ ގޮތުގައި 33.1 މިލިޔަން ޚަރަދުކޮށްފައި އެވަނީ 1615 ދިވެހިން ޕޮލިޓެކްނިކުން ތަމްރީނުކޮށްފައި އެވަނީ އަދި 9403 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްފައި އެވަނީ 1169 ދަރިވަރަކަށް ޖުމުލަ +566 މިލިޔަންގެ ލޯނު އެހީ ދީފައި އެވަނީ 409 ކުއްޖަކަށް ސްކޮލަޝިޕް ދީ +240 މިލިޔަން ޚަރަދުކޮށްފައި އެވަނީ ސަރވިސް ޗާޖްގެ މައްސަލަ ޙައްލުކުރުމަށް ޤާނޫނަށް ބަދަލުގެނެސްފައި އެވަނީ ގެސްޓް ހައުސް ޓުވަރިޒަމް ތަޢާރަފުކޮށްފައި އެވަނީ ޒުވާނުންގެ ޙައްޤުގައި ކަމަށާއި މިއިން ކޮންމެ ކަމަކީ ޒުވާނުންގެ ޙަޔާތަށް ސީދާ ހެޔޮ ބަދަލު ގެނެސްދީފައިވާ، ޒުވާނުންގެ ތަމްރީނާއި، ތަޢުލީމަށް ކުރެވޭ އިންވެސްޓްމަންޓްކަމަށް ސައިފް ވިދާޅުވިއެވެ.
އެހެންނަމަވެސް އެމް.ޑީ.ޕީގެ ސިޔާސީ ވާދަވެރިންނާއި، އެބައިމީހުންގެ ވާގިވެރިން ދިވެހި ޒުވާނުންނަށް އުނގަންނަވައިދެއްވީ ބެގް ބޮރޯ އޯ ސްޓީލްކަމަށާއި ފުރުސަތަކަށް ފަހިކޮށްދެއްވީ ސީރިޔާގައި ހަނގުރާމައިގެ މައިދާންކަން ދިވެހި ރައްޔިތުން ހަނދާން ނެތޭހައި ދުވަހެއް ނުވާކަމަށްވެސް ރަށްވެހި ފަތިސް ކެންޕޭންގެ ސްޕޯކްސްޕާރސަން ވިދާޅުވިއެވެ.
މިއަދު ޕްރެސް ކޮންފަރަންސްގައި ހޯމްސްޓޭއާބެހޭ އަތްމަތީ ފޮތެއް އެމް.ޑީ.ޕީގެ އިސް އެކްޓިވިސްޓް ޢަބްދުﷲ ރަޝީދު އައި.ސީ ތައްޔާރުކޮށް، ފުވައްމުލަކު ސިޓީގައި އެ ފޮތް އިފްތިތާޙުކުރެއްވިކަން ފާހަގަކޮށްފައިވެއެވެ. މިފޮތުގައި ދިރިއުޅޭ ގޭގައި ގެސްޓުން ބޭތިއްބުމުގެ ޢާންމު ބައެއް މިންގަނޑާއި އިރުޝާދުތައް ހިމަނުއްވާފައިވެއެވެ. ރަށްވެހި ފަތިސް ސްޕޯކްސްޕާރސަން ވިދާޅުވީ އެމްޑީޕީއިން ތަރުޙީބުދެނީ މިބާވަތުގެ އުފެއްދުންތެރި، ބޭނުންތެރި މަސައްކަތްތަކަށްކަމަށެއެވެ.




