އިންޓަރނެޓްގެ ފައްސި ފަރާތެއް ވާފަދައިން އިންޓަރނެޓްގެ އަނދިރި ފަރާތެއްވެސްވާކަމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އިން 9 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހިންގާ "ބީ އިންޓަރނެޓް އޯސަމް" ކޯސް އިފްތިތާހް ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ފުޅުދައްކަވަމުންނެވެ.
މި ކޯސް އިފްތިތާހްކުރީ އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް މި ކޯސް ކުރިއަށް ގެންދާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ.
މިއަދުގެ ޙަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ދިރިއުޅުމުގައި މިހާބޮޑަށް ބޭނުންޖެހިފައިވާކަމެއްގައި މިހާރަށްވުރެ ރައްކާތެރިގޮތެއްގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްގޮތަށް ބަލަންޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ކުޑަކުދިން އިންޓަރނެޓްގެ އަނދިރިފަރާތުން ސަލާމަތްކުރުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި މި ކޯސް ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3 އަކުން 9 އަކާ ދެމެދުގެ ހުރިހާ ދަރިވަރުން ފުރިހަމަ ކުރާނެއެވެ.
މި ޙަފްލާގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ "ސައިބަރ ސްމާރޓް" ކެމްޕެއިންގެ ޕޯސްޓަރާއި ޓްރެއިލަރ ވެސް ލޯންޗްކޮށް ދެއްވާފައެވެ.
މި ކެމްޕެއިން އަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ކެމްޕެއިންގެ ދަށުން ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް، އިންޓަރނެޓް ސޭފްޓީއާއި އޮންލައިން ލަރނިންގް ފަދަ މައުލޫއާއިގުޅޭ މަޢުލޫމާތު، ޕޯސްޓަރ، ވީޑިއޯ އަދި އެހެނިހެން ގޮތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިގެންދާނެއެވެ.



