ސަރުކާރު ސްކޫލްތަކަށް 2020 ވަނަ އަހަރަށްބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭގޮތަށް ހަމަޖައްސަވާފައިވާތީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއީމެންޓް އޭޖެންސީސް (އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް 2009 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުން އަންނަނީ އެކަމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބީލަން އުސޫލުން ކުރައްވާ އިޢުލާނަކަށް އިޖާބަދެއްވާ ދިވެހި އޭޖެންސީތަކުގެ ތެރެއިން، އެ މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ މިންގަނޑުގެތެރެއިން ހޮވޭ ދިވެހި އޭޖެންސީތަށް މެދުވެރިކޮށެވެ.
"ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއެއް ހިންގަންވާނީ އެކަމަށް ކަޑައެޅޭ މިނިސްޓްރީގައި ރެޖިސްޓްރީކޮށްގެންކަމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 68 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނިކޮށް، ސަރުކާރު ސްކޫލްތަކަށް 2020 ވަނަ އަހަރަށްބޭނުންވާ ބިދޭސީ ޓީޗަރުން ގެނެސްދިނުމަށް ބީލަން އުސޫލުން 2 އެޖެންސީއެއް ހޯދުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން 2019 އޮކްޓޫބަރ 15 ވަނަ ދުވަހު ގެޒެޓްގައި ޝާއިޢުކުރައްވާފައިވާ އިޢުލާނާއެކު ޢާއްމުކުރައްވާފައިވާ މަޢުލޫމާތުގައި، މި ބީލަމުގައި ރާއްޖެއިން ބޭރުގެ އޭޖެންސީތަކަށްވެސް ބައިވެރިވެވޭގޮތަށް ހަމަޖައްސަވާފައިވާތީ، މި އެސޯސިއޭޝަނުގެ ފަރާތުން ނުހަނު ކަންބޮޑުވަން." އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެ އެސޯސިއޭޝަނުން ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ އާއި އެކު ބޭއްވި ބައްދަލުވުމުގައި މިކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށާއި، އަދި ހަމައެކަނި ދިވެހި އޭޖެންސީތަކަށް އޮތް ފުރުޞަތު އޮންނާނެ ގޮތަށް ކަންތައްތައް ތަރުތީބު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވެލެއްވި ކަމަށެވެ.
"މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޓެކްނިކަލް ބޭފުޅުންނާއެކު 21 އޮކްޓޯބަރ 2019 ވަނަ ދުވާހު ބޭއްވުނު ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ ބަސްފުޅާ ޚިލާފަށް، ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތްކުރުމަށް މިހާރު ރޭވިފައިވާގޮތްނޫން އެހެންގޮތަކަށް އެ މަސައްކަތް ކުރެވޭނެ އެއްވެސް ޖާގައެއްނެތްކަމަށް، މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވެ، އެ ބައްދަލުވުން ނަތީޖާއެއް ނުނެރެވި، މާޔޫސްވެގެން ނިންމާލަން ޖެހުމަކީ މި އެސޯސިއޭޝަނުން ނުހަނު ހިތާމަކުރާކަމެއް." އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ވިދާޅުވީ އަންނަ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުން ގެނައުމަށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް ތަކަކީ، އެޓަރނީޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފާ ހޯއްދަވާފައިވާ ޑޮކިއުމަންޓްތަކެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވުވެފައިވާ ކަމަށާއި، އެޓަރނީޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފާ ހޯއްދަވާފައިވަނީ، ބިދޭސީ ޓީޗަރުން ހޯއްދެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހިބަހުން ތައްޔާރުކުރައްވާފައިވާ އުޞޫލަށް ކަމަށެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީއިން 15 އޮކްޓޯބަރ 2019 ގެޒެޓްގައި ޝާއިޢުކުރައްވާފައިވާ އިޢުލާނާއެކު ޢާއްމުކުރައްވާފައިވާ ވަނީ އިގިރޭސި ބަހުން އޮތް އުސޫލަކާއި ބީލަން ކަރުދާހެއް ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އާއްމުކުރައްވާފައިވާ ދިވެހިބަހުން ތައްޔާރުކުރައްވާފައިވާ އުޞޫލާއި އެ އުޞޫލުގެ އިގިރޭސި ތަރުޖަމާގައި ފުށުއެރުންތަކެއް ހުރި ކަމަށްވެސް އެ އެސޯސިޢޭޝަނުން ވިދާޅުވިއެވެ.
"ކުދި އަ ދި މެދުފަންތީގެ ވިޔަފާރިއަށް އިސްކަންދިނުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތަށް އިޙްތިރާމްކުރުމަށާއި، ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމާއެކު، 2020 ވަނަ އަހަރަށް ރާއްޖޭގެ ސްކޫލްތަކަށް ބިދޭސީ ޓީޗަރުން ގެނައުމުގެ މަސައްކަތް އެއީ ހަމައެކަނި ދިވެހި އެޖެންސީތަކަށް ވާދަކުރެވޭ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އިލްތިމާސްކުރުމަށް، މި އެސޯސިއޭޝަނުގެ މެމްބަރުން އެދިވަޑައިގަންނަވާތީ، އެކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސަމާލުކަމަށް ގެނައުމަށް މި ނޫސްބަޔާން ނެރުނިން." އެމްޕްލޯއީމެންޓް އޭޖެންސީސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.




ހިޔާލު
Teacher in hoadhunves viyafaaiakah hedheemaa kamakunudhaane