އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުން، އެދަރިވަރަކު އިމްތިހާނު ހަދާ ސެންޓަރ ހުރި ރަށަށް ދިއުމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމީނޭޝަންސް އިން އަންގައިފިއެވެ.
އެ ޑިޕާޓްމަންޓުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އިމްތިޙާނު ހަދާ ސެންޓަރު ނޫން އެހެން ރަށްރަށުގައި ތިބި ދަރިވަރުން، މިއަހަރު އޮކްޓޫބަރު / ނޮވެންބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިޙާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކުރާކަމަށެވެ.
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވައި އަލުން ކިޔަވައިދޭން ފަށާފައެވެ. އެހެންނަމަވެސް މާލެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައި ދެމުންދިޔައީ ގްރޭޑް 1 ން 12 އަށެވެ. އަދި މާލޭސިޓީގެ ސްކޫލްތަކުގައި ކިޔަވައިދީފައި ވަނީ ގްރޭޑް 9 އިން 12 އަށެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ސްކޫލްތައް ބަންދުކޮށްފައިވާ މުއްދަތު އަންނަނީ ކޮންމެ ދެހަފްތާއަކުން ދެހަފްތާއަކުން އިތުރު ކުރަމުންނެވެ.
ނަމަވެސް އޮންލައިން ކޮށް ކިޔަވައިދިނުން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށްފަހު ކިޔެވުން އަލުން ފެށުނު އިރު އެ ދަރިވަރަކު ހުރި ރަށެއްގެ ސްކޫލަކަށް ވަގުތީ ގޮތުން ދަރިވަރުން ބަދަލު ކޮށްގެން ކިޔަވައި ދިނުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.




