ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ މިރޭ އަތުލައިގަނެފިއެވެ.
ފުލުހުން މި މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި ބަނގުރާފުޅިތައް އަތުލައިގަނެފައިވަނީ ޝައްކުކުރެވޭ ވެހިކަލެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
"ބަނގުރާ ހުރިކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭގައި ވެހިކަލެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން" ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ބަނގުރާ ފުޅިތަައް އަތުލައިގަނެފައިވަނީ މިރޭ 8:45 ހާއިރު ހުޅުމާލޭ ސިޓީ ބޭކަރީ ކައިރިންނެވެ.
ފުލުހުން މިރޭ ހިނގި އޮޕަރޭޝަންގެ ފޮޓޯ ފުލުހުން މީޑިއާއަށް އާންމުކޮށްފައިވާއިރު މި ފޮޓޯތަކުން ފެއްނަނީ އެއްވެސް ލޭބަލެއް ނެތް ފޮށިތަކަކަށް ބަނގުރާފުޅިތައް އަޅައިފައިވާ މަންޒަރެވެ. އަދި މި ފޮށިތައް ހުއްނަނީ ވޭނެއް ކަހަލަ އުޅަނދެއްގެ ތެރޭގައެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކިހާ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ކަމާއި އަދި މި މައްސަލައެއްގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



