ރިޔާ ހަލާކުވެގެން ކުރިނބީގައި ބަނދަރުކުރި ކޮރެއާގެ ޔޮޓަށް މެހެމާންދާރީ!

މޫސުން ގޯސްވެ ރިޔާ ހަލާކުވެގެން ހދ. ކުރިނބީގައި ބަނދަރުކުރި ދެކުނު ކޮރެއާގެ ޔޮޓަށް ކުރިނބީ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއަދު މެންދުރުފަހު އައި ކޮޅިގަނޑެއްގައި ރިޔާ ހަލާކުވެގެން ކުރިނބީގައި ބަނދަރުކޮށްފައިވަނީ، ހއ.އުލިގަމުން މާލެއަށް ދަތުރުކުރި ޔޮޓެކެވެ.

މި ޔޮޓުގައި ތިން ފިރިހެނުންނާއި އަންހެނަކު ދަތުރުކުރިއިރު، މޫސުން ގޯސް ވަގުތެއްގައި ކުރިނބީ ބަނދަރަށް ޔޮޓު ކައިރި ކުރުމުން ރަށުގެ އޮޑިވެރިން ވަނީ ޔޮޓް ރައްކާތެރިކަމާއެކު ބަނދަރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހަމައެއާއެކު، ރަށުގެ ރައްޔިތުންގެ ފަރާތުން ޔޮޓުގައި ދަތުރުކުރި ފަރާތްތަކަށް މެހެމާންދާރީ އަދާކޮށްފައިވާއިރު، ޔޮޓަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ރިޔާ މަރާމާތު ކުރުމަށް ޔޮޓް ބަނދަރުކުރި ނަމަވެސް، އެކަން ކުރެވެން ނެތުމުން، މާދަމާ ހެނދުނު ޔޮޓު ކުރިނބީއިން ފުރުމަށް ހަމަޖެހިފައިވާކަމަށް ޔޮޓުގައި ދަތުރުކުރި ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މި ޔޮޓާއި ގުޅޭގޮތުން ހއ.އުލިގަމުގައި ހުންނަ އެމްއެންޑީއެފްގެ ޕޯސްޓުން ވިދާޅުވީ، ޔޮޓަކީ ކްލިއަރެންސް ހަދާފައިވާ ޔޮޓެއް ނޫންކަމުން، މާލެއިން ކްލިއަރެންސް ހެދުމަށް އަތޮޅުތަކުގެ ބޭރުން ދަތުރުކޮށް މާލެ ދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

މި ދުވަސްވަރަކީ އުތުރުގެ މޫސުން ގޯސްވެ، 45 މޭލާއި 50 މޭލުގެ ބާރު މިނުގައި ވިލާގަނޑުގައި ވައިޖެހެމުންދާ، ކަނޑުތައް ގަދަ ދުވަސްވެރެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް