އަތޮޅުތެރޭ ސްކޫލްތަކުގެ ނަމާދު ކޮޓަރިތަކަށް، މަޝްހޫރު ކުލަ ފިހާރަ "ދިކަލާސް" އިން މުޅިން ހިލޭ ކުލަ ދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުލަޔާއި ދަވާދުގެ ވިޔަފާރި ކުރަމުން އަންނަ ދިކަލާސްއިން ވިދާޅުވީ، މިއީ މިއަހަރުގެ ރަމަޟާން މަހަށް ސްކޫލްތަކުގެ ނަމާދުކޮޓަރިތައް އާބާތުރަފިލުވުމަށް އެހީތެރިވުމުގެ ގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ވެދެއްވާ އެހީތެރިކަމެއް ކަމަށެވެ.
ކުލަ ބޭނުންފުޅުވާ އަތޮޅުތެރޭގެ ސްކޫލްތަކުން، ނަމާދު ކޮޓަރީގެ ބޮޑުމިނާއި، ގުޅޭނެ ނަންބަރެއް އެނގޭނެގޮތަށް ދިކަލާސްއަށް އީމެއިލް ކުރެއްވުމުން ކުލަ ދޫކުރުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ނަމާދު ކޮޓަރިތަކުގައި ކުލަ ލާން ބޭނުންފުޅުވާ ސްކޫލްތަކުން އިތުރު މަޢުލޫމާތު ހޯއްދަން ބޭނުންފުޅުވާނަމަ ދިކަލާސްގެ ނަންބަރު 7810808 ނުވަތަ 7989768 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެކުންފުނިން އެދިލައްވައެވެ.
"މިއީ ކުރިއަށް އޮތް ރަމަޟާން މަހަށް ސްކޫލްތަކުގެ ނަމާދު ކޮތަރިތައް އަބާތުރަފިލުވައި ޒީނަތްތެރިކުރުމަށް ދެވޭ އެހީތެރިކަމެއް، މި ފުރުޞަތުގެ ބޭނުން ހިއްޕަވަން ބޭނުން ސްކޫލްތަކުން ރަމަޟާން މަހުގެ ކުރިން މިކަމަށް އެދި އީމެއިލް ކުރެއްވުން އެދެން." ދިކަލާސްގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ފަޔާޟް ވިދާޅުވިއެވެ.
ދިކަލާސްއަކީ ކުލައާއި، ދަވާދާއި، ލަކުޑީގައި ބޭނުންކުރާ ލަކުޑި ޕްރިޒެވޭޓިވްއާއި، ތަފާތު ގިނަ ކެމިކަލްތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ވިއްކަމުންގެންދާ ކުންފުންޏެކެވެ. އަދި ކަލަރލޭންޑަކީ، ކުލައާއި، ދަވާދާއި ކޮންސްޓްރަކްޝަން ކެމިކަލް އަދި ކެމިކަލް ސިމެންތި ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ވިއްކަމުންގެންދާ ކުންފުންޏެކެވެ.
ވޭތުވެދިޔަ އަހަރު ސްކޫލްތަކުގެ ނަމާދު ކޮޓަރިތަކުގައި ކުލަލުމަށް "ކަލަރލޭންޑް" އިންވެސް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.