އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ - ފޮޓޯ: ދުވަސް

މިރޭ ހަނދެއް ނުފެނޭ، ޢީދު ވަނީ އާދިއްތަ އަށް!

މާދަމާ އަކީ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ޝައްވާލު މަސް ފެށޭނީ އަންނަ އާދިއްތަ ދުވަހު ކަމަށް ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާނުކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އިއުލާނުކުރެއްވި ގޮތުގައި ޝައްވާލު މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ރަށަކަށް މިއަދު ފެނިފައެއް ނުވެ އެވެ. އަދި މިއަދުގެ އިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަކަށް އިތުބާރު ހުރި ފަލަކީ ހިސާބަކުން ވެސް ނުދައްކައެވެ.

މިނިސްޓަރު އިއްވެވި ބަޔާނުގައި ވިދާޅުވީ “ހިޖްރީ ސަނަތުން 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ މޭ މަހުގެ 22 ވާ ހުކުރު ދުވަހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައި ނުވާތީ” ރާއްޖޭގައި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި އަމަލުކުރާ އުސޫލުގެ ދަށުން މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.

"މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލު ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި އެވެ. އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ ތައުފީގު އަޅުގަނޑުމެންނަށް ދެއްވާށި އެވެ،" ގަރާރު ނިންމައިލައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ