އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށް ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ދިނުމީ ބަލައިގަނެވޭނެ ކަމެއް ނޫން: މަދަނީ ޖަމިއްޔާތައް

ޓުއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ ދައުވާ އުފުލައިފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށް ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ދިނުމީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފިއެވެ.

އުތެމަ ޖަމިއްޔާ، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ހޯޕް ފޯރ ވުމެން، އަދި ފެމެލީ ލީގަލް ކުލިނިކް އިން މިރޭ ނެރުނު ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، މިނިސްޓަރުކަމުގެ މަގާމުގައި ހުރެގެން މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ ހަތް ދައުވާ އުފުލައިފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއިމެދު ނުހަނު ކަނބޮޑުވާކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި، ރޭޕްކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާ ހިމެނޭއިރު، ރޭޕްކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ. މިފަދަ ބޮޑު ޖިނާއީ މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުން ކަމަށް ބުނުމުން މެޑިކަލް ޑޮކްޓަރެއްގެ ބަހަށް ބެލުމަށްފަހު، ޖާމިނުވާނެ ފަރާތެއް އަލީ ވަހީދު ހުށަހެޅުމުން ޕާސްޕޯޓް ދޫކޮށްލީކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

"ފާއިތުވެދިޔަ ތަނުގައިވެސް އަލީ ވަހީދު ހުރީ ދިވެހިރާއްޖޭގެ އިހުތިސާސް ނުހިނގާ ގޮތެއްގެ މަތިން އިނގިރޭސިވިލާތުގެ އެސައިލަމް ލިބިގެން ކަމާއި، އަދި އޭނާއަށް ދިވެހިރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތު ދީފިނަމަ، މިފަހަރުވެސް އޭނާ އެނބުރި ރާއްޖެއަށް ނުގެނެވިދާނެކަމުގެ އިހްތިމާލް އޮތްކަން ކްރިމިނަލް ކޯޓަށް ތަސައްވަރުކުރެވެންޖެހޭނެ ކަމަށް ވާއިރު، އެންމެ ޑޮކްޓަރެއްގެ ބަހަށް އެކަނި ބަލައި ދިވެހިރާއްޖޭން ބޭރަށް އަލީ ވަހީދަށް ބޭސްފަރުވާ ހޯދުމަށްޓަކައި އެއްވެސް ޓްރެވަލް ރެސްޓްރިކްޝަން ފިޔަވަޅެއް އެޅުމެއް ނެތި، މުތުލަގު ގޮތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަކީ މި ޖަމިއްޔާތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ޖަމިއްޔާތުގެ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މިފަދަ ބޮޑު ޖިނާއީ މައްސަލައެއްގައި ޖާމިނުވާ ފަރާތެއް ބެހެއްޓުމުން ޕާސްޕޯޓް ދޫކޮށްލުމަކީ މީގެކުރިން ކޯޓުން އަމަލުކޮށްފައިވާ އުސޫލަކަށް ނުވާއިރު މިމައްސަލައިގައި އެފަދައިން އަމަލުކޮށްފައިވުމަކީ، އަންހެނުންނަށް ކުރާ ޖިންސީ އަނިޔާ އަދި ރޭޕްގެ ކުއްތަކުގެ މައްސަލަތަކަށް އިންސާފު ނުލިބިދާ މިންވަރަށް ބަލައި، މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުމަށް އެޅިގެންދިޔަ ނުހަނު ބޮޑު ހުރަހެއް ކަމަށްވެސް ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި ބުނެފައި ވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ އިއްޔެއެވެ. މިމައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި، އެ ނިންމުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދުވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. ބުއްޅަބެ

    ޕީޖީ ޝަމީމް އެގިހުރެ އަލީ ވަހީދު ފުރުވާލެއްވީ

  2. ވިސްނާ

    ކޮމެންޓެއް ލިޔުނަސް ޖަހާކަށް ނުކެރޭވިއްޔާ ކިއްކުރަން ކޮމެންޓްކުރާކަށްދޯ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ