ރައީސް ޔާމީން މިނިވަންކުރަން އަލީ ވަހީދު ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް، ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށައިފައެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެ ސަބަބާހެދި ކަމަށާއި، ޔާމީން މިނިވަންކުރަންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ސައްހަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ،" އަލީ ވަހީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވިއެވެ.

ފޯނުތަކާ ލެޕްޓޮޕުގެ ވާހަކައިން އަލީ ވަހީދު އިޝާރާތް އެ ކުރެއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ބޮޑު ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ.  އަދީބު ވަނީ، މުޅި ޚިޔާނާތުގެހެކީގެ ގޮތުގައި އޭނާގެ ފޯނުތަކާއި ލެޕްޓޮޕް ހުށަހަޅައިފައެވެ. އަދި އެތަކެތިން ވަނީ އެ ހިޔާނާތުގެ ބައިވެރިވި އަދި ފައިސާ ލިބުނު މީހުންގެ މައުލޫމާތު ތަހުޤީގުން ހޯދައިފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގެ ޑިޓެންޝަން ސެންޓަރެއްގަ އެވެ. އަލީ ވަހީދު ހައްޔަރުކޮށްފައިވަނި އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް އިއުލާންކޮށްފައިވަނިކޮށެވެ.

ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާއެކު ބޭސްފަރުވާއަށް ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައި ވަނީ ހަތަރު މަސްދުވަހަށެވެ. ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައި ވަނީ އޭނާއަށް ދީފައިވާ ހަތަރު މަހުގެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަމުގެ ޔަޤީންކަމެއްގެ ގޮތުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

އެއާއެކު ކްރިިމިނަލް ކޯޓުން ވަނީ ޢަލީ ވަހީދު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޤާނޫނު ނުހިނގާތަނެއްގައި ހުއްޓާ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ރޭޕްގެ ދަޢުވާތަކުގެ ޝަރީޢަތް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ.

ނަމަވެސް ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އަދި އޭގެ ފަހުން ތާވަލު ކުރި އަޑުއެހުންތަކަށް އަލީ ވަހީދު ހާޒިރެއް ނުވެއެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ