ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު | ފޮޓޯ : މިހާރު

އަލީ ވަހީދު ހައްޔަރުކުރިކަން އިނގިރޭސިވިލާތުން އަންގައިފި

ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ އެތައް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅެނިކޮށް އެގައުމުން ހައްޔަރުކޮށްފައިވާކަން އެ ގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މިއަދު މައުލޫމާތު ލިބިފައިވާކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގެ ޑިޓެންޝަން ސެންޓަރެއްގަ އެވެ. އަލީ ވަހީދު ހައްޔަރުކޮށްފައިވަނި އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެކަމަށް އިއުލާންކޮށްފައިވަނިކޮށެވެ.

އަލީ ވަހީދު ހައްޔަރުކުރިނަމަވެސް ދިވެހި ފުލުހުން ކުރިން ވިދާޅުވީ އެ މައުލޫމާތު ރާއްޖޭގެ އެއްވެސް އިދާރާއަކަށް އިނގިރޭސި ވިލާތުން އޮތީ ނާންގައިކަމަށެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑައިގެން ދެ މަހުގެ ޖަލު ހުކުމެއްވެސް އައިސްފައިވަނިކޮށެވެ.

ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާއެކު ބޭސްފަރުވާއަށް ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފައި ވަނީ ހަތަރު މަސްދުވަހަށެވެ. ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާފައި ވަނީ އޭނާއަށް ދީފައިވާ ހަތަރު މަހުގެ މުއްދަތުގެ ތެރޭގައި އެނބުރި ރާއްޖެ އަންނާނެކަމުގެ ޔަޤީންކަމެއްގެ ގޮތުން، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހުއެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

އެއާއެކު ކްރިިމިނަލް ކޯޓުން ވަނީ ޢަލީ ވަހީދު ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޤާނޫނު ނުހިނގާތަނެއްގައި ހުއްޓާ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާއި ރޭޕްގެ ދަޢުވާތަކުގެ ޝަރީޢަތް އޮންލައިންކޮށް ކުރިޔަށް ގެންދަން ފަށާފައެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ.

ނަމަވެސް ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އަދި އޭގެ ފަހުން ތާވަލު ކުރި އަޑުއެހުންތަކަށް އަލީ ވަހީދު ހާޒިރެއް ނުވެއެވެ.

އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ