ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ (އަކޫ) އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ދައްކާފައިވަނީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގޮވާލައިފިއެވެ.
އެފްއޭއެމުން މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ބުނުމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
އެފްއޭއެމުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމާއި ފުޓުބޯޅައިގެ އެންމެ އިސް އިދާރާ ކަމަށްވާ ފީފާގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެ އަމަލުކުރަމުންދާ ކުޅުންތެރިން ކަމަށާއި ފުޓުބޯޅަ ކުޅުންތެރިންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބޯލަނބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައި ވެސް ނަމޫނާ ކުޅުންތެރިން ކަމަށެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދުވާން ދިއުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި ބަލިވެއްޖެ ނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނީ ހަގގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް އެސޯސިއޭޝަނުން ކުށްވެރިކުރާ ކަމަށްވެސް އެބަޔާނުގައިވެއެވެ.
"ދިވެހި ފުޓުބޯޅަ ކުޅުންތެރިއަކީ ހަނގުރާމަވެރި ނުވަތަ ގާނޫނުތަކާއި ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ޤަވާއިދުތަކާއި ހިލާފުވާފަދަ އަމަލުތަކާއި ޖަމްއިއްޔާތަކާ އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއް ބައެއްކަން އެސޯސިއޭޝަނަށް ފާޙަގަކުރެވިފައި ނުވޭ، އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މި ވާހަކަތަކުގެ ސަބަބުން ދިވެހި ފުޓުބޯޅަ އާއިލާއަށާއި ކުޅުންތެރިންނާއި އެކުޅުންތެރިންގެ އާއިލާތަކަށް އަގު ނުކުރެވޭފަދަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަކަން މި އެސޯސިއޭޝަނުން ފާޙަގަކުރަން" އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެފްއޭއެމުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ފުޓުބޯޅައިގައި ބައިނަލްއަޤްވާމީ ގޮތުން ކުރިއަރައިދާން ދިވެހިރާއްޖެއަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވެދާނެ ފަދަ ވާހަކަތަކެއް ކަމަށާއި މި ކުޑަކުޑަ މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ބިރުވެރިކަން އުފެދޭފަދަ ނޭދެވޭ ވާހަކަތަކެއް ކަމަށެވެ. އަދި އިދާރާތަކުން މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދެއްވުމަށް އެފްއޭއެމުން ގޮވާލާފައިވެއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														