ކުޅުދުއްފުށީ އެއާޕޯޓު ހުޅަނގު ފަރާތުން ރާޅު އަރަނީ - ފޮޓޯ: ކޭއޯ

އަރާ ރާޅު ކޮންޓްރޯލް ނުކުރެވި، ކުޅުދުއްފުށީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް!

ކުޅުދުއްފުށީ އެއާޕޯޓްގެ ހުޅަނގު ފަރާތުން އަރާ ރާޅު ކޮންޓްރޯލް ނުކުރެވި، އެރަށު އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެއެވެ.

އެރަށުގެ ހުޅަނގު ފަރާތު ކަނަށްވާ އެސަރަހައްދަކީ ހުޅަނގު މޫސުމުގައި އަބަދުވެސް ގަދަ ސަރަހައްދަކަށްވާއިރު މިއަހަރުގެ ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރާއެކު އެސަރަހައްދަށް ރާޅު އަރައި ދަނީ ބޮޑެތި ގެއްލުންތައްވަމުންނެވެ.

ކަނޑުން އަންނަ ބޮޑެތި ރާޅުތައް އަރައި މުޅި ސަރަހައްދަށް ލޮނުގަނޑު ވައްދަމުންދާއިރު މިބިޔަ ބޮޑެތި ރާޅުތައް ކޮންޓްރޯލް ކުރުމަށްޖަހާފައިވަނީ ވަރަށް ތިރިކޮށް ޖަހާފައިވާ ހިލަތޮށްޓެކެވެ. ކަނޑުން ނަގާ ބިޔަ ރާޅުތައް މިހިލަތޮށި މަތިން އަންނަނީ އެއްވެސް ހުރަހެއްނެތިއެވެ. އަދި ރާޅާއެކު މިހިލަތޮށި ރޫޅި ގިނަ ހިލަތަކެއް ދަނީ ވެރެމުންނެވެ.

އަދި އެއާޕޯޓް ސަރަޙައްދަށް އަރައި ބޮޑެތި ރާޅުގެ ލޮނުގަނޑާއެކު އެސަރަޙައްދުގެ ވެލިގަނޑުން ބައެއް ކަނޑަށްދަނީ ފައިބަމުންނެވެ. އެއާޕޯޓުގެ ބޮޑު ސަރަހައްދެއް ގިރާލައި ހުޅަނގު ފަރާތުގައި ޖަހާފައިވާ ފެންސުންވެސް ބައެއްވަނީ ވެއްޓިފައެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހުޅަނގު ފަރާތުން ރާޅު އަރަނީ - ފޮޓޯ: ކޭއޯ

މިކަމާއިގުޅިގެން އެރަށުގެ ގިނަ ރައްޔިތުންތަކެއްދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެސަރަހައްދު ހިމާޔާތްކުރަން ޖަހަން ޖެހޭނީ 2000-1500 ކިލޯ ހުންނަވަރުގެ ހިލަކަމަށް އީއައިއޭ ރިޕޯޓްގައި ބުނެފައިވީނަމަވެސް އެސަރަޙައްދުގައި ހިލަ ޖެހިއިރު، ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކަށް ބެލުމެއް ނެތި އެމްޓީސީސީން އެސަރަޙައްދުގައި ޖަހާފައިވަނީ ކުދި ހިލައެވެ.

މިދިޔަ އަހަރުގެ ހުޅަނގު މޫސުމުގައިވެސް އެސަރަހައްދުގައި، އެއާޕޯޓްގެ ރައްކަލަކަށް ޖަހާފައިވާ ހިލަތޮށިން ބައެއް ރޫޅި ވަނީ ގެއްލުންވެފައިއެވެ. އަދި މޫސުން ރަނގަޅުވުމުން ހިލަތޮށި މަރާމާތުކުރުމުގެ މަސައްކަތްކުރާނެކަމަށް އޭރު އެމްޓީސީސީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެކަން މިއަދާ ހަމައަށްވެސް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް