ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން ކެންސަލްކޮށްފިއެވެ.
ފުލުހުންގެ ތަހުޤީގަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00އަށް ކަމަށެވެ. ނަމަވެސް، ފުލުހަށް ހާޒިރު ކުރުން ކެންސަލްވެފައިވާ ކަމަށާއި އެމަނިކުފާނު މާލެ ނުގެންނަ ކަމަށް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވެފައިވާކަމަށް އެ ނޫހުގަިއ ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރި ސަބަބެއް ކަރެކްޝަނުން އަދި ހާމަކޮށްފައެއްނުވެއެވެ.
އެނގިފައިވާ ގޮތުގައި، ޔާމީން ފުލުހަށް ހާޒިރުކުރުމަށް ފުލުހުންގެ އިދާރާ ހުންނަ ސަރަހައްދުގެ މަގުވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިހާރު ވަނީ މަގު ހުޅުވާލާފައެވެ.
ރައީސް ޔާމީން އެންމެ ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މި މަހުގެ ދެވަނަ ދުވަހު މެންދުރެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ދޫކުރި ރަށެއްގެ މުއާމަލާތާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ އަދި ދައުވާކޮށްފައި ނުވާ މައްސަލައެކެވެ.



