ފުލުހުންގެ ބެލުމުގެ ދަށުގައިވާ ދެ ކެވެލިގަނޑެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އަތުގައި އަޅާ މި ދެ ކެވެލި ގަނޑަކީ ފެބުރުވަރީ 14 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލް އެމެޖެންސީ ރޫމް ތެރެއިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދެ ކެވެލި ގަނޑު ކަމަށެވެ.
މި ދެ ކެވެލި ގަނޑުގެ އިތުރުން ފެބުރުވަރީ 11 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 20 ރުފިޔާއާއި، ފެބުރުވަރީ 11 ވަނަ ދުވަހު ވައިޖެހޭ މަގު، ޖެލީ ޕިއްޒާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހުއާވެއި ބްރޭންޑްގެ މޯބައިލް ފޯނެއްގެ ވެރިފަރާތް ހޯދުމަށްވެސް ފުލުހުންވަނީ އިޢުލާންކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި، އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީކަމަށެވެ.
އެހެންކަމުން މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ޙާޟިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުންވަނީ އެދިފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.



