މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ މަރުކަޒު ގާއިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. މި ގަރާރާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.
ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައި ގަތުމަށްފަހު މި ގަރާރުވަނީ ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީ އަށް ފޮނުވާފައެވެ. މި ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރާއި ގުޅިގެން މިއުޒިކުގެ ހަރާމް ހަލާލް ކަމާމެދު ބޮޑު ބަހުސެއް ފެށިގެން ގޮސްފައިވާއިރު ރައީސް ނަޝީދާއި އަދި ރައީސް މައުމޫނުވެސްވަނީ މި ބަހުސް އަށް ވައްނަވައި މިއުޒިކަކީ ހަލާލު އެއްޗެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ ރައްޔިތުންނާއި ގިނަ ދީނީ އިލްމުވެރިންވަނީ މި ޒަމާނުގައި މިކުޅޭ މިއުޒިކު ހަލާލު ނުވާނެކަމަށްބުނެ ވާހަކަފުޅު ދައްކަވައިފައެވެ.
އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ގަރާރަކީ ނައިޓް ކްލަބްތަކާއި ނާޗަރަންޖީ ޖަގަހަތަކެއް މާލޭގައި ބެހެއްޓުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރެކެވެ.



