ފުޓްސަލް ދަނޑު ހަލާކުކޮށްލި ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަނީ!

ހދ.ދިއްދޫގައި ފުޓްސަލް ދަނޑެއް ހަލާކުކޮށްލި ހިތާމަވެރި ޚަބަރު ގިނަ ދިވެހިން މިއަދު އެހިއެވެ. ހަމައެއާއެކު ރާއްޖޭގެ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ނިންމި އުފާވެރި ޚަބަރުވެސް ދިވެހިން ޒުވާނުން އެހިމެއެވެ. މި ދެ ޚަބަރު ނުސީދާކޮށް ނަމަވެސް ގުޅި ލާމެހިފައިވާކަމީ ހަޤީޤަތެކެވެ.

ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް ހޫނުވެ، ދަނޑުމަތީގައި މާރާމާރީ ހިންގައި، މެޗު ކުޅުނު ފުޓްސަލް ދަނޑު ސުންނާފަތިކޮށްލީ ރޭގެވަގުތެއްގައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި “ބްލެކް-ޒިނޯ” އަދި “ވަންތަޅާ” ބައްދަލުކުރި މެޗު ހޫނުވެ ކުޅުމުގެ ތެރެއިން އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ހަމަލާދީ ފުޓްސަލް ދަނޑުގެ ޓާފް މެޓްތައް ނައްޓައި ދަނޑަށް ގެއްލުންދޭތަށް ފެނެއެވެ. ބައެއް ސަޕޯޓަރުން ފެންސް މަތިންނާ ދަނޑުތެރެއަށް ވަންނަމުންދިޔަ މަންޒަރު ފެނިގެންދިޔައިރު މައި ގޭޓް ހުޅުވައިގެން ދަނޑަށް ވަތް ސަޕޯޓަރުންވެސްވަކި މަދެއްނޫނެވެ.

މިވީޑިއޯއިން ދިއްދޫ ކައުންސިލްގެ ފުޓްސަލް މުބާރާތް މިހިސާބުން ނިމުނީކަމަށާއި ދެން މިމެޗު އެމީހުން ކުޅެނީ ޓާފު ދަނޑުގައިކަމަށް ބުނެފައިވާކަން ފާހަގަކުރެވިފައިވަނިކޮށް, ރާއްޖޭގެ އިތުރު 13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚުލޫފް މިއަދު ވިދާޅުވިއިރު މި 13 ރަށުގެ ތެރޭގައި ދިއްދޫވެސް ހިމެނެއެވެ.

ދިއްދޫ ދަނޑުގައި ޓާފު އަޅާތީ މައްސަލަ ޖައްސަނީކީ ނޫނެވެ. ނަމަވެސް ރޭގެ މަންޒަރު ފެނި ހަމަހަމަ ބިމެއްގައި ކުޅެލަށް ނުލިބިހުރި އެތައް ޒުވާނުންގެ ލޮލުން ކަރުނަ އައިސްފާވާއިރު ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށު ދަރަޖައިގެ ޢަމަލުތަކާއެކު ރާއްޖޭ ގިނަ ޒުވާނުންތަކެއްވަނީ ހިތާމަ ފާޅުކޮށްފައެވެ.

ދިއްދޫ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަށް މިއަދު ލިބިފައިވާ ވަޞީލަތްތަކަކީ މިއަދު ރާއްޖޭގެ އެތަކެއް ޒުވާނުންނެއް އެޔަށް ބޭނުންވެ، ނަމަވެސް ލިބުމުގެ ނަޞީބު އަދި ލިބިފައިނުވާ ވަޞީލަތްތަކެކެވެ. ދިއްދޫ ޒުވާނުންނާއި އަދި އެހެން ރަށްރަށުގެ ޒުވާނުންވެސް އެމީހުންނަށް ލިބިފައިވާ މިފަދަ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މިއަދު ރާއްޖޭގެ ގިނަ ޒުވާނުންގެ އެދުމެކެވެ. ޚާއްސަކޮށް މިފަދަ ވަޞީލަތްތަކުން މިއަދު މަޙްރޫމްވެފައިވާ ޒުވާނުންގެ އެވެ.

ރޭގެ މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ފިޔަވަޅެއް އަޅާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއިރު، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ދިއްދޫ ކައުންސިލަށް ގުޅަން ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. އަދި ހަމައެއާއެކު ޔޫތް މިނިސްޓްރީންވެސް އެކަމާ މެދު އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް