އެމްބާޕޭގެ ހެޓްރިކުން ބާސާ ބަލިކޮށް ޕީއެސްޖީން އެއްފިޔަވަޅު ކުއާޓަރއަށް

ޒުވާން ކިލިއަން އެމްބާޕޭގެ ހެޓްރިކުން ވަރުގަދަ ބާސެލޯނާ ބަލިކޮށް ޕީއެސްޖީން ކުއާޓަރ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 މެޗުތައް ރޭ ފަށާފައިވާއިރު، ގަދަ 16 ގެ އެންމެ ފާހަގަކޮށްލެވޭ މެޗު ކަމުގައިވާ ބާސެލޯނާ އަދި ޕީއެސްޖީ ބައްދަލުކުރާ މެޗުގެ ފުރަތަމަ ލެގު ރޭ ވަނީ ކުޅެފައެވެ. ކޭމްޕްނޯގައި ރޭ ކުޅުވެނު މިމެޗުގައި އުމުރުން 22 އަހަރުގެ އެމްބާޕޭ ހެޓްރިކެއް ހަދާފައިވާއިރު، ވަރުގަދަ ބާސެލޯނާގެ މައްޗަށް ޕީއެސްޖީން ކުރި ހޯދާފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރިނަމަވެސް، އޭގެ ފަސް މިނަޓްފަހުން އެމްބާޕޭ ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދީފައިވަނީ ބާސެލޯނާގެ އޭރިއާތެރެއިން ދެ ޑިފެންޑަރުން ކަޓުވާލުމަށްފަހުގައެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމު އެއްވަރުގައި އޮވެ ނިމިފައިވީނަމަވެސް، ދެވަނަ ހާފުގައި ޕީއެސްޖީންވަނީ ނަތީޖާ އަނބުރާލާފައެވެ. މެޗުގައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 65 ވަނަ މިނަޓްގައެވެ. ފްލޮރެންޒީގެ ހުރަހަކުން އެމްބާޕޭ ކާމިޔާބުކޮށްދިން މިލަނޑަށްފަހު އޭގެ ފަސް މިނަޓްފަހުން ޕީއެސްޖީން ލީޑު އިތުރަށް ފުޅާކުރީ ހިލޭ ޖެހުމަކުން މޮއިސް ކީން ބޮލުން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެމްބާޕޭގެ ހެޓްރިކް ހެދި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 85 ވަ މިނަޓްގައެވެ. އޭރިއާގެ ތެރެއިން ގޯލްގެ ދުރުކަނަށް އޮޅާލި ހިތްގައިމު މިލަނޑާއެކު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ހެޓްރިކްހެދި ތިންވަނަ ކުޅުންތެރިޔާއަށް އެމްބާޕޭވަނީ ވެގެން ގޮސްފައެވެ.

މިނަތީޖާއާއެކު ގަދަ 16 ފުރަތަމަ ލެގު ފަޞޭޙަކަމާއެކު ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު، އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާ އަދި ޑިމާރިއާ ރޭ މެޗުގައި ކުޅެފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޕީއެސްޖީގައި ކުޅޭ މިމެޗުގެ ދެވަނަ ލެގު އޮންނާނީ އަންނަ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގައި ކުރިއަށްދާ ބާސެލޯނާއަށް ބޮޑެތި މަސައްކަތެއް ކުރަން ޖެހިފައިވާއިރު، ޕީއެސްޖީއަށް އިތުރު ފުރުޞަތެއް ނުދީ އެމެޗުގައި ބާސެލޯނާއިން މަދުވެގެން ހަތަރު ލަނޑުވަނީ ޖަހަން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ