ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ހިންގުމުގެ ވިސްނުމެއް ނެތް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާ ކަމަށެވެ.
"ސަރުކާރުގެ ވިސްނުމަކީ، ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރިން، އެ ލާރި އެއީ ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން، ބޭންކަކަށް ލޯނަަކަށް ދާން ވިޔަސް އިކުއިޓީގެ ގޮތުގައި ބޭނުންކުރެވޭނޭ،" އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން ލޯނު ނެގުމަށް ފަހު ގެދޮރު އަޅާފައި، އެކަަމަށް ހޭދަކުރާ ޚަރަދު ނުލިބޭނެ ގޮތަކަށް ބޯހިޔާވަހިކަމުގެ ނިޒާމް ކުރިއަށް ގެންދިއުމަކީ ދެމެހެއްޓެނެވި ގޮތެއް ނޫން ކަމަށާއި، ރާއްޖޭގެ ރަށްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށް ރަަށުގެ ބިމުގެ 33 އިންސައްތަ 50 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަށް ކުއްޔަށް ދޭން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށްވެސް މިނިސްޓަރު އަސްލަމު ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް އަސްލަމު ވިދާޅުވިއެވެ.



