ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު އެޅުމަކީ ވާނެ ކަމެއް ނޫން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖާބިރު ކުރެއްވި ސުވާލަކީ، ކާށިދޫގައި ޖާބިރު ހުށައަޅާ މަސައްކަތަކުގެ ތެރއިން ކޭބަލް ކާރު އަދި އެއާޕޯޓްގެ މަސައްކަތްތައް މަނިކުފާނު ޕްލޭނިންގެ ތެރެއަށް ނުލައިގެން ތިއުޅެނީ ކީއްވއތޯއެވެ.
"ކާށިދޫ އާއި ގާފަރާއި ދޭތެރޭ ކޭބަލް ކާރު އަޅަން އަޅުގަނޑު ޕްލޭން ކޮށްފަ ހުށައެޅީމައި ކީއްވެގެންތޯ ދައުލަތުން ސަޕޯޓް ނުދިނީ. ކީއްވެގެން ތޯ ކާށިދޫ އެއާޕޯޓް އޮޕަރޭޝަނަށް އަންނަން ހުއްދަ ނުދެވިގެން ތިއުޅެނީ." ޖާބިރު ވިދާޅުވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް، ކަށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއް ގޮތުގައި ހަމަ ބުއްދީގައި ހުރެގެން ގަބޫލެއް ނުކުރާ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ސާފުކޮށް އިނގެން ޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކިކަމުގައި ވިޔަސް އެއީ ވާނެކަމެއް ނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމުގައެއް. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމުގަވެސް." އަސްލަމް ވިދާޅުވިއެވެ.



