ވިލިމާލޭގައި ގަސް ހެއްދުމަށް 400 އަކަފޫޓުގެ 30 ބިން ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 17 ފެބްރުއަރީ 2021 ން 25 ފެބްރުއަރީ 2021 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށާއި، މި 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000/- ރުފިޔާއަށް ކަމަށެވެ. އަދި މި ޕްލޮޓްތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭ ފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމުގައިވެސް ސިޓީ ކައުންސިލުންގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ފަހުން އެއްވެސް ޕްލޮޓެއް ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ކަމުގައިވާ ގޮތުގެ މަތީންކަމަށާއި، ޕްލޮޓް ދޫކުރާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް އެކައުންސިލުން ބުނެއެވެ.
ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިއުލާނުގެ މުއްދަތުގައި ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ފޯރުކޮށްދޭނެއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
