ހާލަންޑްގެ ދެ ރެކޯޑާއެކު ޑޯޓުމުންޑުން ސެވިއްޔާ ބަލިކޮށްފި

ޒުވާން އާލިން ހާލަންޑްގެ ދެ ރެކޯޑާއެކު ޑޯޓުމުންޑުން ސެވިއްޔާ ބަލިކޮށްފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ސެވިއްޔާގެ މައްޗަށް ޑޯޓުމުންޑުން ކުރި ހޯދާފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ސެވިއްޔާއިން ކާމިޔާބުކޮށްފައިވާއިރު މެޗުގެ 7 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭރިއާގެ ބޭރުން ސޫސޯ ފޮނުވާލި ހަމަލާއެއް ޑިފެންޑަރު ހަމެލްސް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލްގެ ތެރެއަށް ވަތް ލަނޑެކެވެ.

އަދި ސެވިއްޔާއިން ލީޑު ނެގިތާ ބާރަ މިނަޓްފަހުން އޭރިއާގެ ބޭރުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑަކުން ޑާހޫޑް ޑޯޓުމުންޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މާގިނައިރުތަކެއް ހާލަންޑް ޑޯޓުމުންޑަށް ލީޑު ނަގައިދިނެވެ. މީގެއިތުރުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ޑޯޓުމުންޑަށް ލީޑު ފުޅާކޮށްދިނީވެސް ހާލަންޑެވެ. މެޗުގެ 43 ވަނަ މިނަޓްގައި ފެނިގެންދިޔަ ހާލަންޑުގެ ދެވަނަ ލަނޑަކީ ކެޕްޓަން ރުއީސް ދިން ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޒުވާން ހާލަންޑަށް ދެ ރެކޯޑެއްވަނީ ލިބިފައެވެ. މިހާތަނަށް އެންމެ 13 ޗެމްޕިއަންސް ލީގު ކުޅެފައިވާ ހާލަންޑު މިހާރުވެސްވަނީ މިމުބާރާތުގައި ޖުމްލަ 18 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު ޗެމްޕިއަންސް ލީގު 13 މެޗުން 18 ލަނޑު ހަމަކުރި ފުރަތަމަ ކުޅެންތެރިޔާއަށް ހާލަންޑުވަނީ ވެގެން ގޮސްފައެވެ.

މީގެއިތުރުން ރޭގެ މެޗުގައި ހާލަންޑު ކާމިޔާބުކުރި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި އެއްޓީމަކަށް 10 ލަނޑު އެންމެ އަވަހަށް ހަމަކޮށްދިން ކުޅުންތެރިޔާއަށްވެސް އޭނާވަނީ ވެގެން ގޮސްފައެވެ. ޑޯޓުމުންޑަށް މިހާތަނަށް ހާލަންޑު ކުޅެދީފައިވަނީ 7 ޗެމްޕިއަންސް ލީގު މެޗެވެ. އެއީ މިދިޔަ ސީޒަންގައި ކުޅެދިން ދެ މެޗާއި މިސީޒަންގައި ކުޅުނު 5 މެޗެވެ.

ހާލަންޑްގެ އުމުރަކީ އަދި އެންމެ 20 އަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނަޓަށްވެފައި ވަނިކޮށް ސެވިއްޔާއިންވަނީ އިތުރު ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން މޮޅުވެ ޑޯޓުމުންޑަށް އިތުރު ހިތްވަރެއް ލިބިފައިވާއިރު، އަމިއްލަ ދަނޑުގައި ކުޅެވޭ މިމެޗުގެ ދެވަނަ ލެގު އޮންނާނީ އަންނަ މާރޗްމަހުގެ 09 ވަނަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ