ސިއްސައިގެންގޮސްފައި ޖަންނަތަށް ހޭލެވުނެވެ. އޭރު ނިތްކުރިމަތިން ދަލުގެ އަސަރު ފާޅުވާން ހުއްޓެވެ. ނޭވާވެސް ވަނީ އަވަސްވެފައެވެ. ލޯ ހުޅުވާލެވުމާއެކު ވަށައިގެންވާ މާޙައުލަށް އޭނާ ލޯ ހިންގާލީ އޮވެވުނު ތަނެއް ޔަޤީންކޮށްލުމަށްޓަކައެވެ. ފެނުނީ ހުވަފެނެއްކަން ސިކުނޑިއަށް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އޭރު ނިދާފައި ތިބި ބައެއް މީހުންގެ ގުގުރީގެ އަޑު އިވިއިވި ހުއްޓެވެ. އެތަނަށް ޖަންނަތު ގެނެވުނުތާ ކުރީކޮޅު އެކަމުގެ ސަބަބުން ނިދަން އުނދަގޫވެގެން އުޅެންޖެހުނެވެ. ނަމަވެސް މިހާރު އޭނާ އެވަނީ އެކަންކަމަށް ހޭނިފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އޭނާ އެ ކުޑަ ގޮޅީގައި ދިރިއުޅުން ހޭދަކުރާތާ ފަސް މަސް ވީއެވެ.
ޖަންނަތު ވިސްނުމުގެ ތެރެއަށް ގެއްލިފައި އޮންނަތާ އިރުކޮޅެއް ފަހުން ފަތިސް ނަމާދު ބަންގީގެ އަޑު އިވެން ފެށިއެވެ. މިއަދަކީ ބޮޑު ދުވަހެއްކަން ހަނދާނަށް އައީ އެވަގުތުއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް ތެދުވެ ވާޖިބު އަދާކުރުމަށްޓަކައި އޭނާ އަވަސްވެގަތެވެ. ޖަންނަތު ވުޟޫކުރުމަށްޓަކައި އިސްކުރު ކައިރިއަށް ދިޔައިރު ދެމީހަކު އެތަނުގައި ތިއްބެވެ. އެއީ ގޮޅީގައި ތިބޭ ދިހަ މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ ދެމީހުންނެވެ. އެދެމީހުން ވާނީ ޖަންނަތުގެ މަންމައާ ދާދި އެއްވަރެކެވެ. އެއްތާކު އެހެން ތިބެން ޖެހުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެކަކު އަނެކަކާ ވާހަކަ ދައްކާ ހަދައެވެ. އެހެނަސް އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ވާހަކަތައް ހިއްސާކޮށެއް ނުހަދައެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެތަނަށް ގެނެވިފައިވާ ސަބަބު ޖަންނަތު ވަރަށް އޮޅުންފިލުވާލާ ހިތްވެއެވެ. ޖަންނަތަށްވުރެ އެތައް އަހަރެއް ހަގު ކުދިންވެސް އެތަނުގައި އެބަތިއްބެވެ. ޖަލުގެ ތޭރިތަކުގެ ތެރެއަށް އެ ކޮންމެ މީހަކުވެސް އަންނަންޖެހުމުގެ ފަހަތުގައި ކޮންމެވެސް ބޮޑު ޙާދިސާއެއްވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަން ޖަންނަތަށް ވިސްނެއެވެ. ޖަންނަތު ގެނައި ފަހުން އިތުރު މީހަކު އަދި ނުގެނެއެވެ. އުމުރުން ފަންސަވީސް އަހަރުވެފައިވާއިރު ޖަންނަތަށްވެސް ވަނީ ދިރިއުޅުމުގައި އެތައް ކަމެއް ތަޖުރިބާކުރަންޖެހިފައެވެ. ނަމަވެސް މިހާރު އޭނާއަށް އާދެވިފައިވާ ހިސާބަކީ ދުވަހަކުވެސް އަންނަންޖެހިދާނެ ހިސާބެއްކަމަކަށް ހުވަފެނުގައިވެސް ދެކެފައިވާ ހިސާބެއް ނޫނެވެ.
އާދައިގެ މަތިން ބަރާބަރު ގަޑިއަށް އެދުވަހުވެސް ހެނދުނު ސައި ގެނައެވެ. ސައި ބޮއި ނިމިގެން ޖަންނަތު އަތް ދޮންނަން ހުއްޓާ އޭނާގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެވެ. އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީކަން އެނގި ޖަންނަތު އަވަހަށް އަތް ދޮވެލައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެއްކަމަކު އޭނާ ހިތްވަރާއެކު ހިނގަމުންދިޔައެވެ. އޭރު ޔުނީފޯރމްގައި ތިބި އަންހެން ދެ އޮފިސަރުން ގޮޅީގެ ދޮރުމަތީގައި ތިއްބެވެ. އެތަނުން އެކަކު އަތުގައި ބިޑިއެއް އޮތެވެ. އެމީހުންނާ ހިސާބަށް ދެވުމާއެކު ޖަންނަތު އަވަސް އަވަހަށް ލައިގެން ހުރި ހެދުމުގެ އުނަގަނޑާ ހިސާބުގައި ދެ އަތް އުނގުޅާލުމަށްފަހު އަތުގައި ހުރި ފެންތައް ފޮހެލިއެވެ. އަދި މަޑުމަޑުން ދެއަތް އޮފިސަރާ ދިމާއަށް ދިއްކޮށްލިއެވެ.
ބިޑި އަޅުވައިގެން ބޭރަށް ނެރުނު އިރު އެތަނުގައި ކުޑަ ވޭނެއް އޮތެވެ. ޖަންނަތު އަރުވަން ދޮރު ހުޅުވާލުމާއެކު އެތެރޭގައި ތިބި އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭގައި އޭރު ދެ ޖިންސުގެ ފަސްވަރަކަށް މީހުން ބިޑި އަޅުވާފައި ތިއްބެވެ. އެވަގުތު ގަތް ލަދުން ޖަންނަތު އަވަސްއަވަހަށް އިސްދަށަށް ޖަހާލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ނެގިނެގިފައި ޖެހެއެވެ. ދެއަތުން އޮށްދާވެސް ހިއްލަން ފެށިއެވެ. އެފަދަ ކިތަންމެ ވަގުތެއް މިހާރު ޖަންނަތަށް ތަޖުރިބާކުރެވިއްޖެއެވެ. ނަމަވެސް އަދިވެސް އޭނާ އެކަންކަމަކަށް ނުހޭނެއެވެ. ޖަންނަތު އަރާ އިށީންއިރުވެސް އެންމެން ކަޅި ޖަހާނުލާ ބަލަމުން ދާކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ. ކުރާނެ ކަމެއް ނެތެވެ. ޤުދުރަތުން ޖަންނަތަށް ދެއްވާފައިވާ ރީތިކަމަކީ މީހަކު ބަލާ ފޫހި ނުވާނެފަދަ ރީތިކަމެކެވެ. އިންތިހާއަށް މައުސޫމްކަން އެކުލެވިގެންވާ ބޮޑުބޮޑު ދެލޮލެވެ. އެސްފިޔަ ޖަހާލައިފިނަމަ މުޅި ލޯ ފޮރުވިގެންދާހާ ދިގު އެސްފިޔަތަކެކެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ލިޕްސްޓިކް ނުޖެއްސިނަމަވެސް އުނިކަމެއް ނުވެއެވެ. ބިއްސެއް ކީއްކުރަން ލަކުނެއްވެސް ނެތް ދޮން އަދި އެހާމެ އޮމާން ހަންގަނޑެކެވެ. އެފަދަ ސާދާ އަދި މައުސޫމް މޫނެއްގެ ވެރިއެއް، ޖަލުގެ ގޮޅިއެއްގައި އިނދެދާނެއޭ ހީކުރާނީވެސް ކާކުހެއްޔެވެ؟
ކޯޓަށް ހާޒިރުކޮށް އެދުވަހުވެސް ޖަންނަތުއާ ކުރެވުނީ ކުރިންވެސް އެތަނަށް ހާޒިރުކުރެވުނު ކޮންމެ ފަހަރަކު ތަކުރާރުކޮށް އޭނާއަށް ކޮށްފައިވާ ސުވާލެވެ.
"ޖަންނަތުގެ ފިރިމީހާގެ މަރުގެ ފަހަތުގައި ޖަންނަތުގެ އަތެއްވޭތަ؟" ގާޒީގެ އަޑު ތަކުރާރުކޮށް ޖަންނަތުގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެތައް ހާސް ފަހަރަކު، އެކި ގޮތްގޮތަށް، އެކި ބަސްބަހުން އެ ސުވާލު ކުރިކަމުގައިވީނަމަވެސް ޖަންނަތު އެ ސުވާލަށް ދޭން އޮތީ ހަމަ އެންމެ ޖަވާބެކެވެ. އެއީ ނޫނެކެވެ. ނަމަވެސް އޭނާގެ ވާހަކަ ޤަބޫލޫކުރާނެ އެކަކުވެސް މިދުނިޔެ މައްޗަކު ނެތެވެ. ހުރިހާ ހެއްކެއް ހުރީ އޭނާއާ ދެކޮޅަށެވެ. އެންމެ ފުރަތަމަ އޭނާ ޖަލަށް ލީވެސް އަރުޝަމްގެ ޢާއިލާ މީހުންގެ ނުފޫޒުންނެވެ. އެމީހުން އަތުގައި ޖަންނަތާ ދެކޮޅަށް ދައްކާނެ އެތައް ހެއްކެއް އެބަހުއްޓެވެ.
އެދުވަހުވެސް ކޯޓުގައި އޮތް އަޑުއެހުން ނިމި ޖަންނަތު އަނބުރާ ދާންޖެހުނީ މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. މިއަދު އޭނާއަށް އެހީވާނެ އެކަކުވެސް މިދުނިޔެއަކު ނެތެވެ. އެންމެ ބޭނުން ޖެހުނު ދުވަހު އޭނާގެ ޢާއިލާއާއި ރައްޓެހިންވެސް އޭނާއަކީ ނެތް މީހަކަށް ހަދައިފިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާ އަރުޝަމްއާ އިނީ އެ އެންމެންގެ ބަހަށް ބީރު ކަންފަތެއްދީފައެވެ.
ވޭނުގައި އިން އިރު ޖަންނަތުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އެދުވަހު މަންމައާ ދައްތަގެ ނަސޭޙަތް އަޑު އެހުނު ނަމައެވެ. ރައްޓެހިން ދެއްކި ވާހަކަތައް ޤަބޫލުކުރެވުނު ނަމައެވެ. ނަމަވެސް މިއަދު ކުރާނެކަމެއް ނެތެވެ. ނަމަޔަކުން ކެއްކޭނެ ރިހަޔެއް ނޯންނާނެއެވެ. އޭނާއަށް މިއަދު އާދެވިފައި އެހެރީ ޖަންގައްޔެއްގެ އެންމެ އެތެރެއަށެވެ. ނުކުމެވޭނެ އެއްވެސް މަގެއް ދުރުދުރަށްދާންދެންވެސް ފެންނާކަށް ނެތެވެ.
(ނުނިމޭ)





ހިޔާލު
ވަރަށް ރީތި ވާހަކަ……..