ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން - ފޮޓޯ: ފުލުހުން

ތިމަރަފުށީ ޓެރަރިޒަމް މައްސަލާގައި ޝަރީއަތް ނިމެންދެން އެންމެން ބަންދަށް

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ނިންމީ މި މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް އެ މީހުންގެ ސަބަބުން ނުރައްކަލެއް ފޯރައިފާނެ ކަމަށް، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ފެހިވިދުވަރު، (34އ.)
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ކެނެރީގެ (32އ.)
  • އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ (28އ.)
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ (34އ.)
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ (18އ.)
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ (20އ.)
  • އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް (21އ.)
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސް (29އ.)

ފުލުހުން މީގެކުރިން ވިދާޅުވެފައިވަނީ މި އެންމެނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއްކަމަށެވެ.

ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އެ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާކަމަށެވެ. އެގޮތުން ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް މީގެ ކުރިން ފުލުހުން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ