ހޮލީވުޑްގެ ކާމިޔާބު އެކްޓަރު، ޑްވޭންސް ޖޯންސަން، "ދި ރޮކް"، ކުރިއަށްއޮތްތާގައި އެމެރިކާގެ ރައީސްކަމަށް ކުރިމަތިލުމަށް ޝައުގުވެެރިވާކަމަށް އޭނާ ހާމަކޮށްފިއެވެ.
48 އަހަރުގެ މި އެކްޓަރު ހާމަކުރިގޮތުގައި، އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރިނަމަވެސް، އޭނާ އެކަން ކުރާނީ، ރައްޔިތުން އޭނާ ސިޔާސީ ދާއިރާއިން ފެންނަން ބޭނުންވާކަމުގައި ވާނަމައެވެ.
އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރި އގައުމުގެ ކުރީގެ ރައީސް ޑޯނާލްޑް ޓްރަމްޕް ބަލިކޮށްލެވިދާނެ ކަމަށް ދޭހަވާގޮތަކަށް ރޮކް ވަނީ މީގެ ކުރިން ވާހަކަދައްކާފައެވެ.
ކޮންމެވެސް ދުވަހަކުން އެމެރިކާގެ ރައީސްކަން ކުރަން ބޭނުންވާކަމަށް ރޮކް މީގެ ކުރިން ހާމަކުރުމާއެކު، އޭނަގެ ފޭނުން ވަނީ އެކަމަށް ސަޕޯޓުކޮށްފައެވެ.
ރޮކްގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި، "ފާސްޓް އެންޑް ފިއުރަސް-9"، "ބްލެކް އެޑަމް" އަދި "ޖަންގަލް ކްރޫޒް" ހިމެނެއެވެ.



