މަޝްހޫރު ކޮމީޑިއަން، ބޮބް ސެގެޓް މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު އެކްޓަރު އަދި ކޮމޭޑިއަން ބޮބް ސެގެޓް މަރުވެއްޖެ އެވެ.

އުމުރުން 65 އަހަރުގައި ބޮބް ސެގެޓް، އިއްޔެގެ ވަގުތެއްގައި މަރުވިކަން އޭނަގެ އާއިލާއިން ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. އާއިލާއާ ހަވާލާދީ ގިނަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮބް މަރުވީ ކުއްލި ގޮތަކަށެވެ.

ބޮބް ސެގެޓްގެ މަރާއި ގުޅިގެން އޮރެންޖް ކައުންޓީގެ ޝެރިފް ޑިޕާޓްމެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ބޮބް މަރުވެފައި އޮއްވާ ފެނިފައި ވަނީ ފްލޮރިޑާގެ އޮރްލަންޑޯ ސިޓީގައި ހުންނަ ރިޓްޒް-ކާލްޓަން ހޮޓެލުގައި އޭނާ އުޅެމުން އައި ކޮޓަރި ތެރެއިން ކަމަށެވެ. އަދި އެއްވެސް ހަރަކާތެއް ނެތި ކޮޓަރި ތެރޭގައި އޭނާ އޮއްވާ ފެނިގެން ހޮޓަލުގެ ސްޓާފުން ވަނީ ޕޮލިސް ޑިޕާޓްމެންޓަށް އަންގައިފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ޝެރިފް ޑިޕާޓްމެންޓުން ބުނީ އެމީހުން އެތަނަށް ދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި، މާރާލައިފައިވާކަމުގެ އަދި ޑްރަގެއް ބޭނުންކޮށްފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި މަރުވި ސަބަބު ދެނެގަނެވޭނީ މެޑިކަލް އެގްޒަމިނޭޝަން ހެދުމަށްފަހު ކަމަށް ބުނެފައިވެ އެވެ.

އާންމުންގެ މެދުގައި ބޮބް ސެގެޓް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ކޮމޭޑިއަން އެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 1987 އިން 1995 އާއި ހަމަ އަށް ގެނެސްދިން އެމެރިކާގެ ސިޓްކަމް ސީރީޒް "ފުލް ހައުސް" އެވެ. އެ ސީރީޒްގައި އޭނާ ދައްކައިދިން އެކްޓިން އަަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ އެތައް ފިލްމަކާއި ސީރީޒްތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

ބޮބް ގެ މަރާއެކު ހޮލީވުޑްގެ އެތައް ތަރިންނެއް އަންނަނީ ހިތާމަފާޅުކޮށް، އޭނަގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ