ދަރިވަރުންނާއެކު ޖިންސީ ގުޅުން ހިންގިކަމަށް އެކްޓަރު ޖޭމްސް އެއްބަސްވެއްޖެ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޭމްސް ފްރެންކޯ، އޭނަގެ އެކްޓިން ސްކޫލުގައި ކިޔެވި ބައެއް ދަރިވަރުންނާއެކު ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސްވެއްޖެ އެވެ.

އޭނާ މިކަމަށް އެއްބަސްވެފައި މިވަނީ، އޭނާ ކުރިން ހިންގި އެކްޓިން ސްކޫލުގެ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބައެއް މީހުން ތުހުމަތުކުރިތާ ހަތަރު ވަރަކަށް އަހަރު ފަހުންނެވެ. 2019 ވަނަ އަހަރު، އެކްޓަރު ޖޭމްސްއަށް މި ތުހުމަތުތައްކޮށް، ކޯޓަށް މައްސަލައެއް ހުށަހެޅީ އެ އެކްޓިން ސްކޫލުގައި ކިޔެވި ދެ އަންހެން ކުދިންނެވެ.

ޕޮޑްކާސްޓް އެއްގައި ވާހަކަދައްކަމުން، 43 އަހަރުގެ ފްރެންކޯ ބުނީ، އެކްޓިން ސްކޫލުގައި ކިޔަވައިދިން އިރު، އޭނަގެ ބައެއް ދަރިވަރުންނާއެކު ގުޅުން ހިންގި ކަމަށެވެ. އަދި އެއީ އޭނާއަށް ކުރެވުނު ރަނގަޅު ކަމެއް ނޫންކަމަށް ބުންޏެވެ.

ނަމަވެސް ޖޭމްސް ބުނީ، އޭނާ އެ އެކްޓިން ސްކޫލް ފެށީ އަންހެން ކުދިންނާއެކު އެފަދަ ގުޅުންތައް ބޭއްވުމުގެ މަގުސަދުގައި ނޫން ކަމަށެވެ. އަދި ދެ ފަރާތުންވެސް ގުޅުން ބާއްވަން އެއްބަސްނަމަ އެއީ ގޯސްކަމެއް ނޫންކަމަށް އޭރު ވިސްނިފައި އޮތީ ކަމަށް އޭނާ ބުންޏެވެ.

އެކްޓަރު ޖޭމްސް ފްރެންކޯ ބުނިގޮތުގައި، އޭނާ އަކީ "ސެކްސް އެޑިކްޓް" އެވެ. އަދި ފާއިތުވި އަހަރުތަކުގައި އެކަން ރަނގަޅުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޖޭމްސް ކުރިން ހިންގި އެކްޓިން ސްކޫލުގައި ކިޔެވި ދެ އަންހެން ކުދިން ޖޭމްސްގެ މައްޗަށް ކުރި ޖިންސީ ފުރައްސާރައާއި، ގޯނާ ތުހުމަތުގައި ބުނެފައި ވަނީ، ޖޭމްސް އޭރު ހިންގި އެކްޓިން ސްކޫލަށް، އެކްޓުކުރަން ދަސްކޮށްދިނުމުގެ ނަމުގައި، އޮޅުވާލައިގެން ކުދިން ވައްދާ، އެކުދިން ލައްވާ "ނަހަމަ" މަންޒަރުތައް ކުޅުވާ ކަމަށެވެ.

މި ތުހުމަތުތަކާއެކު، މި މައްސަލަ ނިންމުމަށް އެކްޓަރު ޖޭމްސް ވަނީ 2.2 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައިވާ ކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ