ގެއެއް ތަޅަނިކޮށް ޖެހިގެން ހުރިގޭ ފާރު ވެއްޓުނު މައްސަލާގައި ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާފަންނުގައި އިމާރާތް ކުރުމަށް ގެއެއް ތަޅަމުން ދަނިކޮށް ކޮންކްރިޓް ގަނޑަކުން ޖެހި، ޖެހިގެން ހުރިގޭ ފާރުން ބައެއް ކޮޓަރިތެރެއަށް ވެއްޓުނީ މިދިޔަ ހޯމަ ދުވަހުއެވެ.
ފުލުހުުން ބުނީ މ. ގުލްބަހާރުގެ ތަޅަނިކޮށް ކޮންކްރީޓްގަނޑެއް ވެއްޓި ހަލާކުވެފައިވަނީ ޖެހިގެން ހުރި މ.ސަމަންދާރުގޭގެ ދެ ވަނަ ބުރީގެ ފާރުން ބައެއް ކަމުގައެވެ.

މިހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކޮންކްރިޓް ގަނޑުން ޖެހުނު ސަރަހައްދުގެ ފާރުގެ ބައިތައްވަނީ ކޮޓަރިއެއްގެ ތެރެއަށް ވެއްޓިފައެވެ. ކޮޓަރީގައި ހުރި އެނދުމަތީވެސް އޮތީ ހުސް ގާ ކުނޑިއެވެ.
މިމައްސަލަ ތަހުގީގު ކުރަމުން ގެންދާއިރު މިކަމުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާއި ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.




