މައްސަލަ ހައްލުކޮށް އަށް ގަޑިިރަށް ފަހު، ގދ. ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށައިފި އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލީ އިއްޔެ މެންދުރުފަހު 01:00 ގައެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ، ފަޔާ ލޮރީ މަރާމާތު ކުރުމަށްފަހު، މިހާރު އޮޕަރޭޝަންތައް ފަށައިފައިވާ ކަމަށެވެ.
ކާޑެއްދޫ އެއާޕޯޓުގެ ދަތުރުތަށް މެދުކަނޑާލަން ޖެހުމުން އިއްޔެ މެންދުރުން ފެށީގެން އެ އެއާޕޯޓަށް ދަތުރުކުރާ ހަމަ އެކަނި އެއާލައިން، ގައުމީ އެއާލައިން، މޯލްޑީވިއަންގެ ހުރިހާ ފުލައިޓެއް ވަނި ކެންސަލް ކޮށްފައެވެ.
މޯލްޑިވިއަން އިން މިއަދު ހެނދުނު ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން ކާޑެއްދުއަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާފައިވާ ކަމަށެވެ.
ހުވަދުއަތޮޅުގެ ފުރަމަ އެއާޕޯޓު، ކާޑެއްދޫ އެއާޕޯޓު ހިންގުމަށް 2013 ވަނަ އަހަރު ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް 2017 ވަނަ އަހަރު އެ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ.




