ހޮންކޮންގައި މިހާރު ކުރަމުންދާ މުޒާހަރާގައި އެގައުމުގެ ސަރުކާރު އިމާރާތްތަކަށް ދެވެން އޮންނަ މައި ދެމަގު މުޒާހަރާގެ ބައިވެރިން ބަންދުކޮށަފި އެވެ.
ހޮންކޮންގައި މުޒާހަރާ ކުރަން ފަށައިފައި މިވަނީ އެގައުމުގެ ގާނޫނުހަދާ ކައުންސިލުން މިހާރު ބަހުސް ކުރަމުންދާ ޗައިނާއެކު ކުށްވެރިން ބަދަލު ކުރުމުގެ ބިލަކާއި ގުޅިގެންނެވެ.
މި ބިލު ފާސްވެއްޖެނަމަ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ކުރުމަށްޓަކައި ޗައިނާއަށް މީހުން ގެންދިއުމުގެ ބާރު ޗައިނާއަށް ލިބިގެން ދާނެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ މި ބިލު ފާސްވެއްޖެނަމަ ހޮންކޮންގް، ހޮންކޮންގެ ގޮތުގައި ނޯންނާނެ ކަމަށާއި ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމަށް ބިރުގަނެ ޓުއަރިސްޓުންވެސް އައުން މަދުވާނެ ކަމަށެވެ.
މި ބިލާއިމެދު ބަހުސްކުރަން މިއަދު ތާވަލު ކޮށްފައިވާއިރު މި ބިލަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުއެވެ.



