އޮށާޅަ ބިހި ނެގުމަކީ ހޯމޯނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން މޫނުގައި ނަގާ ބިހިތަކެކެވެ. އާއްމުކޮށް ފުރާވަރަށް އަރައިގެން އަންނަ އިރު، ހޯރމޯންއަށް އެ އަންނަ ބަދަލުތަކުގެ ސަބަބުން މޫނުގައި ތެޔޮ އުފައްދައިދޭ ގްލޭންޑުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކޮށްދެއެވެ. އަދި މޫނު މިގޮތަށް ތެޔޮ ވުމުގެ ސަބަބުން މޫނުގައި އޮށާޅަ ނެގުމަށް މަގުފަހިވެއެވެ.
އެހެންކަމުން ހާއްސަކޮށް ޒުވާން އުމުރުފުރައިގެ ކުދިންނަށް ކުރިމަތިވާ މި މައްސަލައިގެ ހައްލަކީ ކޮބައިހެއްޔެވެ؟
އޮށާޅައަކީ މޫނު ތެޔޮ ވުމުން ދިމާވާ މައްސަލައަކަށް ވުމުން، ގިނަ ގިނައިން މޫނު ދޮންނަން އާދަކުރާށެވެ. ނަމަވެސް ވިސްނަންވީ ތަންކޮޅަކީ، އޮށާޅައަކީ، މޫނު ހިރަފުސްވެ ކިލާވުމުން ދިމާވާ މައްސަލައަކަށް ނުވުމުން، މޫނު ދޮންއިރު އަބަދުވެސް އެންޓިބެކްޓީރިއާ ސައިބޯންޏެއް ނުވަތަ ފޭސްވޮޝް އެއް ބޭނުންކުރުމަށެވެ.
ބޮލުގައި ލުމަށް ބޭނުންކުރެވޭ ބައެއް ބްރޭންޑްތަކުގެ ހެއަރ ކްރީމް އަދި ޖެލް ތަކުގެ ސަބަބުންވެސް މޫނު ތެޔޮވުމަށް މެދުވެރިވެއެވެ. އެހެންކަމުން މިފަދަ ކްރީމްތައް އަދި ޖެލްތައް ބޭނުންކުރުމުން ދުރުވު، ބޯ ދޮންނައިރު އަބަދުވެސް ޝޭމްޕޫ ލުމަށް އާދަކުރާށެވެ. ޤަވާއިދުން މިގޮތަށް ކަންތައްކުރެއްވިއްޖެނަމަ މޫނު ތެޔޮ ވުމުން ދުރުކޮށްދީ އޮށާޅަ ކޮންޓްރޯލްކުރެވޭނެއެވެ. އަދި ބޮލުގައި ތެޔޮ ލާ ބޭފުޅުންވެސް މިކަމަށް ސަމާލުވާން ޖެހެއެވެ. އާއްމުކޮށް ވިޓަމިން އީ އެކުލެވޭ ބޮލުގާ ލާ ތެލަކީ، އޭގައި ގްރީސް ހިމެނޭ އުފެއްދުންތަކެވެ.
އޮށާޅަ ނެގުން ކޮންޓްރޯލުކުރުމަށް މޫނުގައި އުނގުޅާ ކްރީމަތައް ބޭނުންކުރުމުގައިވެސް ސަމާލުވާން އެބަޖެހެއެވެ. ބައެއް ބްރޭންޑްތަކުގެ ފޭސްކްރީމް އަކީ އޭގައި ގްރީސް ހިމެނޭ އުފެއްދުންތަކެވެ. އެގޮތުން ވެސްލިން އަދި ކޮކޯ ބަޓަރ ފަދަ ކްރީމްތައް މޫނުގައި އުނގުޅުމުން މޫނު ތެޔޮ ވުމަށް މެދުވެރިވެއެވެ. އެހެންކަމުން މޫނުގައި އުނގުޅާ ކްރީމްތައް ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފައާއެކު މޫނާ ގުޅޭ ބާވަތެއްގެ ކްރީމް އެއް ހޯދާށެވެ.
ކެއުމުގައި ފެހި ކުލަ ގަދަ ފަތް އަދި ލުނބޯ ބޭނުންކުރުމަކީވެސް މޫނުގައި އޮށާޅަނެގުމުން ދުރުކޮށްދޭނެކަމެކެވެ. އެގޮތުން މުރަނގަ ފަތަކީ، އޭގައި ހިމެނޭ ވިޓަމިން އަދި މިނަރަލްސްގެ ސަބަބުން މޫނުގެ ހަންގަނޑު ތެޔޮވުމުން ދުރުކޮށްދީ ހަންގަނޑުގެ ކުރަކިކަންވެސް ފިލުވައިދޭ ފަތެކެވެ. އަދި ލުނބޯގެ ތޮށިކެއުމުންވެސް މޫނު ތެޔޮވުމުން ދުރުކޮށްދެއެވެ.
އޮށާޅަ ނެގުމަކީ ހަމައެކަނި ހޯމޯނަށް އަންނަ ބަދަލު ގެ ސަބަބުން ކުރިމަތިވާ މައްސަލައެއް ނޫނެނެވެ. ކެއުމުގައި ބޭނުންކުރެވޭ ބާވަތްތަކުގެ ސަބަބުންވެސް ބައެއް މީހުންނަށް މި މައްސަލަ ދިމާވެއެވެ. އެގޮތުން ބަޓަރު، ބިސް، ކިރު، އަދި ޗޮކްލެޓް ފަދަ ބާވަތްތައް ކެއުން މަދުކުރާށެވެ.




