އޯވާރހެޑުން ޖިރޫޑު ޖެހި ހިތްގައިމު ގޯލާއެކު ޗެލްސީން އެތުލެޓިކޯ ބަލިކޮށްފި

އޮލިވަރ ޖިރޫޑުގެ އޯވާރހެޑު ކިކަކުން ޖެހި ހިތްގައިމު ގޯލާއެކު ޗެލްސީން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގަދަ 16 ގައި ރޭ ކުޅެވުނު މިމެޗުގައި އެތުލެޓިކޯގެ މައްޗަށް ޗެލްސީން ކުރި ހޯދާފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ދެއްކި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނަޓްގައި ޖަހައިދިނީ ޖިރޫޑެވެ.

އޭރިއާތެރެއިން މައްޗަށް އެރި ބޯޅަ ގޯލްގެ ތެރެއަށް ޖިރޫޑު ފޮނުވާލާފައިވަނީ ހިތްގައިމު އޯވަރހެޑު ކިކަކުންނެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޖިރޫޑު ކާމިޔާބުކުރި 6 ވަނަ ލަނޑެވެ. އަދި ރޭގެ ލަނޑާއެކު ޗެމްޕިއަންސް ލީގު ނޮކްއައުޓު ސްޓޭޖުގައި ޗެލްސީއަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށްވެސް ޖިރޫޑުވަނީ ވެގެން ގޮސްފައެވެ.

އާ ކޯޗު ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ މިހާތަނަށް ކުޅުނު 8 މެޗުންވެސް ދަށްވެފައި ނުވާއިރު، 2014 ވަނަ އަހަަރުގެ ފަހުން ކުއާޓާރއަށް ދަތުރުކޮށްފައި ނުވާ ޗެލްސީއަށް މި ނަތީޖާއަކީ ވަރަށް މުހިންމު ނަތީޖާއެކެވެ.

އުމުރުން 34 އަހަރުގެ ޖިރޫޑާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، ޖިރޫޑަކީ ފަރިތަކުރުންތައް ސީރިއަށްކޮށްނަގައި އެހާމެ މަޖާނަގާ ކުޅުންތެރިއެއްކަމަށެވެ. އަދި ފަރިތަކުރުންތަކުގައި ޖިރޫޑު ހީވާނީ އުމުރުން 20 ނުވަތަ 24 އަހަރުގެ ޒުވާން ކުޅުންތެރިއެއްކަމަށްވެސް ޓުޗެލް ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ސްޕެއިންގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރޭގެ މެޗު ކުޅެފައިވަނީ ރޮމޭނިއާގައެވެ. ރޮމޭނިއާގެ ނެޝަނަލް އެރީނާގައި ކުޅެވުނު މިމެޗު ނިމިގެންގޮސްފައިވަނީ ޗެލްސީގެ ގޯލާއި އަމާޒުކޮށް އެތުލެޓިކޯއަށް އެއްވެސް ހަމަލާއެއް ފޮނުވާނުލެވިކަންވެސް ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި ދެން ފާހަގަކޮށްލެވޭ އަނެއްކަމަކީ މެޗުގެ 55 ވަނަ ސިކުންތުގައި ޗެލްސީގެ ޒުވާން މޭސަން މައުންޓަށް ދެއްކި ރީނދޫ ކާޑެެވެ. އެތުލެޓިކޯގެ ޒުވާން ފޯވާޑު ޔާއޯ ފޭލިކްސްއަށް މައުންޓު ކުރި ފައުލަކާއި ގުޅިގެން ދެއްކި މި ރީނދޫކާޑަކީ ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ އަވަހަށް ދެއްކި ކާޑެވެ. އަދި މި ރީނދޫ ކާޑުގެ ސަބަބުން މައުންޓަށް އަންނަ މާރޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ ކުޅެވޭ މިމެޗުގައި ދެވަނަ ލެގުގައި ނުކުޅެވޭނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ