ސަރުކާރު ބަދަލުވަމުގެ މަރުހަލާގައި ފްލެޓްތައް ދިން މައްސަލަ ބަލަން ފަށައިފިއެވެ.
މިކަން ހާމަކުރައްވަމުން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިޗހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރު ބަދަލުވާން އެހާ ކުޑަދުވަސް ކޮޅެއް ވެފައި އޮތް ފްލެޓްތައް ދިނުމަކީ އެންމެ ރަނގަޅު އުސޫލުތޯ ސުވާލު އުފެދޭ ކަމަށެވެ. ފްލެޓް ލިބުނު މީހުންނާއި ފްލެޓް ލިބުނު ކަމުގެ ލިޔުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަވާލު ކޮށްފައިވާއިރު، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އެފަދަ ލިޔުންތަކެއް ހަވާލުކުރުމަކީ ހެޔޮ ނިޔަތުގައި ކުރިކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓް ކޮމެޓީން އެ މައްސަލަ ބަލަމުންދަނީ ތަހުގީގީ އިދާރާތަކާ ގުޅިގެންނެވެ.
ފްލެޓްތައް ލިބުނުކަމުގެ ލިޔުން ކުރީ ސަރުކާރުން ހަވާލުކުރި ނަމަވެސް މި ސަރުކާރުން ފަހުން ވަނީ އެ ލިސްޓު މުރާޖާކޮށް ބައެއް ކެޓަގަރީން ފްލެޓްތައް ނުދޭން ނިންމައިފަ އެވެ. އެގޮތުން އުވާލާފައިވާ 3 ކެޓަގަރީއަކީ؛
- އެޗް:11 – 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
- އެޗް:13 – މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
- އެޗް:15 – އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި)
އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓެއްގެވެސް ވަގުތީ ލިސްޓު ކުރީގެ ސަރުކާރުން 2018 ވަނަ އަހަރު އާއްމުކޮށްފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓް މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓްތަކުގެ ޢަދަދު 6720 އަށްވަނީ މަދުކޮށްފައެވެ.
https://feshun.wonstasite.com/113265



