ބޯކޯހަރަމް އިން ދިން ރޮކެޓް ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެ

ބޯކޯހަރަމް ޖަމާއަތުން ނައިޖީރިއާގައި ދިން ރޮކެޓް ހަމަލާތަކެއްގައި10 މީހުން މަރުވެއްޖެއެވެ.

ބޯކޯހަރަމް ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން މި ހަމަލާދިނުމުގައި ރޮކެޓްގައި ހަރުކޮށްފައިވާ ގޮވާތަކެތި ބޭނުން ކޮށްފައިވާއިރު މިއީ މިފަދަ ހަތިޔާރު ބޭނުން ކޮށްގެން މި ޖަމާއަތުން މިފަހުންދިން އެންމެ ފުރަތަމަ ހަމަލާއެވެ.

ނައިޖީރިއާގެ އޮފިޝަލުން މައުލޫމާތުދޭގޮތުގައި މިއީ މިއަހަރުގެތެރޭ ހަނގުރާމަވެރިން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

ހަނގުރާމަވެރިންގެ ހަމަލާ ހުއްޓިފައިވަނީ ނައިޖީރިއާގެ އަސްކަރިއްޔާއިން ހަނގުރާމަވެރިންނާއި ކުރިމަތިލައި އެމީހުން ފަހަތަށް ޖެއްސުމުންނެވެ.

މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިން އެންމެ ފުރަތަމަ ހަމަލާދީފައިވަނީ ބަޑި ބޭނުން ކޮށްގެންނެވެ. މިގޮތުން ހަނގުރާމަވެރިން އާމުންނާއި އަމާޒުކޮށް ބަޑިޖަހައިފައިވާކަން ބީބީސީގައި ރިޕޯޓުކޮށްފައި ވެއެވެ.

އިރުއޮއްސި 6:00 ގައި ހަނގުރާމަވެރިން ދޭންފެށި ހަމަލާތައް ހުއްޓުވައި ހަނގުރާމަވެރިން ފައްސާލެވިފައިވަނީ ރޭގަނޑު 7:30 ގައެވެ.

ބޯކޯހަރަމްގެ ހަމަލާ އަމާޒުކޮށްފައިވަނީ ނައިޖީރިއާގެ މައިޑުގުރި ސިޓީއަށެވެ. މިއީ ބޯކޯހަރަމް ޖަމާއަތް އުފެދިގެން އައި ސިޓީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ