ނައިޖީރިއާގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ ބާނޫގައި ހަތިޔާރުއެޅި ބަޔަކު ސިފައިންނަށް އަމާޒުކޮށްދިން ހަމަލާއެއްގައި 11 ސިފައިންގެމީހުން މަރުވެއްޖެއެވެ.
ނައިޖީރިއާ ސިފައިންގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވަނީ ރޫޓިން އޮޕަރޭޝަނެއްގައި ސިފައިން ހަރަކާތްތެރިވަމުންދަނިކޮށް ކަމަށެވެ.
ހަމަލާދިނީ ކޮންބަޔެއްކަން އަދި ހޯދިފައި ނުވާއިރު ހަމަލާދިން ސަރަހައްދަކީ ގުރޫޕުތަކުގެ މެދުގައި ހަމަލާބަދަލުކުރަމުންދާ ސަރަހައްދެކެވެ. މި ސަރަހައްދުގައި ހަމަލާ ާބަދަލުކުރަމުން ދަނީ ދަނޑުވެރިންނާއި އަދި ގެރިބަކަރިފަދަ ދިރޭ ތަކެތި ގެންގުޅޭ މީހުންގެ މެދުގައެވެ. މި ދެބައިމީހުންގެ މެދުގައި ހަމަލާ ދެވެމުންދަނީ ބިމުގެ މިލްކުވެރިކަމާއި ގުޅިގެންނެވެ.
މިދިޔަމަހު ދިން މިފަދަ ހަމަލާއެއްގައި މި ސިޓީގެ މޭޔަރުވެސް ސަލާމަތް ވެފައިވަނީ ކިރިޔާއެވެ. މި ހަމަލާދީފައިވަނީ ގެރިބަކަރިފަދަ ދިރޭ ތަކެތި ގެންގުޅޭ މީހުންގެ ގުރޫޕަކުންނެވެ.
ނައިޖީރިއާގެ ސިފައިން އައްނަނީ ގައުމުގައި އަމަންއަމާންކަން ގާއިމުކުރުމަށް މިފަދަ ގޭންގުތަކާއި އަދި ޓެރަރިސްޓް ޖަމާއަތްތަކާއި ދެކޮޅަށް ގައުމުގެ އެކިހިސާބުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިނގަމުންނެވެ.