ނައިޖީރިއާ ސިފައިންގެ ވެރިއާ ދަތުރުކުރަމުންދިޔަ މަތިންދާބޯތު ވެއްޓި އޭނާ މަރުވެއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ ނައިޖީރިއާގެ ހުޅަނގު އުތުރު ސްޓޭޓެއް ކަމަށްވާ ކަޑޫނާގައެވެ. ސިފައިންގެ ފަރާތުން ބުނީ މި މަތިންދާބޯޓު ވެއްޓެން ދިމާވީ މޫސުން ގޯސްވެފައި އޮއްވާ މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މިހާދިސާގައި ނައިޖީރިއާ ސިފައިންގެ ވެރިއާގެ އިތުރުން 10 އޮފިސަރަކުވެސްވަނީ މަރުވެފައެވެ. މީގެތެރޭގައި ބޯޓުގެ ކުރޫއިންވެސް ހިމެނެއެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވިދާޅުވެފައިވަނީ، މިހާދިސާގެ އަޑު އެއްސެވީ ނުހަނު ހިތާމައާއެކު ކަމަށެވެ.
ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އުމުރުން 54 އަހަރުގެ އިބްރާހިމް އަތައްހިރު ނައިޖީރިއާ ސިފައިންގެ ވެރިއާކަމާއި ހަވާލުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ސަރުކާރުގެ ފަރާތުން ނައިޖީރިއާގެ އަސްކަރިއްޔާ އިސްލާހު ކުރެއްވުމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިންނެވެ.
ނައިޖީރިއާ ސިފައިންގެ ވެރިއާ ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ވެއްޓި އޭނާ މަރުވެފައި މިވަނީ އަސްކަރީ މަތިންދާބޯޓު ވެއްޓި އޭގެން ދަތުރުކުރި ހަތް މީހުން މަރުވިތާ ބަރާބަރު ތިންމަސްދުވަސް ވީ ދުވަހުއެވެ.
ނައިޖީރިއާ އަކީ އަބަދުވެސް ސަލާމަތީ މައްސަލަތައް ޓެރަރިސްޓުންގެ ފަރާތުން ކުރިމަތިވާ ގައުމެކެވެ. މިގޮތުން އެގައުމުގެ އަސްކަރިއްޔާއިން އެގައުމުގައި ހަރަކާތެތެރިވާ ޓެރަރިސްޓް ގުރޫޕުތަކާއި ހަނގުރާމަކުރާތާ މިހާރުވަނީ އެތަކެއް އަހަރުދުވަސް ފާއިތުވެގެން ގޮސްފައެވެ.



