ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ އެޓަލަންޓާއާއި ދެކޮޅަށް ކުޅުނު މެޗު ރެއަލްމެޑްރިޑް ކާމިޔާބުކޮށްފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު އެޓަލަންޓާގެ މިޑްފީލްޑަރު ފްރެއުލާއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބޮޑުބައި އެޓަލަންޓާއިން ފުރިހަމަކޮށްފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ލަނޑުޖަހަން ލިބުނު ހުސް ފުރުޞަތެއްގައި ރެއަލްމެޑްރިޑްގެ މެންޑީއަށް ކުރި ފައުލަކާއި ގުޅިގެން ފްރެއުލާއަށް ރެފްރީ ދައްކާފައިވަނީ ސީދާ ރަތެކެވެ. ނަމަވެސް އެޓަލަންޓާއިންވަނީ މެޗުގެ ފަހު މިނަޓް ކޮޅާއި ޖެހެންދެން ރެއަލްމެޑްރިޑް ހިފަހައްޓާފައެވެ.
ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗު އެކްލަބުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ 86 ވަނަ މިނަޓްގައި ޑީ އޭރިއާގެ ބޭރުން ގޯލްގެ ތެރެއަށް ކާވްކޮށްލި ބޯޅައަކާއެކު މެންޑީ ކާމިޔާބުކޮށްދިން ވަރަށް ހިތްގައިމު ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެންޑީ ކާމިޔާބުކުރި ފުރަތަމަ ލަނޑުކަންވެސް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒިދާން ބުނީ، ފިޒިކަލީ ގޮތުން އެޓަލަންޓާ ވަރަށް ވަރުގަދަކަމަށާއި، އެޓަލަންޓާއިން ކުޅެފައިވަނީ ވަރަށް ފުރިހަމަ ޑިފެންސިވް ގޭމެއްކަމަށެވެ. އަދި ނަތީޖާއާއި ހިތްހަމަޖެހޭކަމަށާއި، އެންމެ މުހިންމުކަމަކީ މެޗުން މޮޅުވުންކަމަށްވެސް ޒިދާން ބުންޏެވެ.
ރޭ ކުޅުނު އަނެއް މެޗު މެންޗެސްޓާރ ސިޓީއިން ކާމިޔާބުކޮށްފައިވަނީ މޮންޗެންގްލެޑްބާޗްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ބާނާޑޯ ސިލްވާއާއި ގެބްރިއަލް ޖީސޫސް އެވެ.
????️ MATCH REPORT: Manchester City have now won 19 games in a row in all competitions...
???? Unstoppable? #UCL
— UEFA Champions League (@ChampionsLeague) February 24, 2021



