ސްޕެނިޝް ލަލީގާގައި އެލްޗޭ ބަލިކޮށް އެފްސީ ބާސެލޯނާއިން ތާވަލްގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ފަސް ޕޮއިންޓް ގާތަށް ޖެހިލައިފިއެވެ.
ރޭ މޮޅާއެކު ބާސެލޯނާ ތިންވަނާގައި އޮތީ 24 މެޗުން ލިބުނު 50 ޕޮއިންޓާއެކުގައެވެ. ތާވަލްގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑްވަނީ 23 މެޗުން 55 ޕޮއިންޓް ހޯދާފައެވެ. އަދި ތާވަލްގެ ދެވަނާގައި ވާދަވެރި ރެއަލްމެޑްރިޑް އޮތީ2 4 މެޗުން ލިބުނު 52 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވާއިރު، އެލްޗޭގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދާފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގ ދެވަނަ ހާފުގައެވެ.
ރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑުތައް ޖަހާދީފައިވަނީ ކެޕްޓަން މެސީއާއި ޖޯޑީ އަލްބާއެވެ. ރޭގެ މެޗުގައި މެސީ ދެ ލަނޑު ޖަހާފައިވާއިރު، މި ދެލަނޑާއެކު ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް އުމުރުން 33 އަހަރު މެސީވަނީ ދެ ލަނޑުގެ ލީޑަކަށް ޖެހިލާފައެވެ. ރޭގެ މެޗުގައި ޖެހި ދެލަނޑާއެކު މެސީވަނީ މިސީޒަންގައި ޖެހި ލީގު ގޯލްގެ އަދަދު 18 އަށް އަރުވާފައެވެ.
After scoring a brace tonight, Messi is now the outright top scorer in #LaLigaSantander! ????????#YouHaveToLiveIt pic.twitter.com/rLZky566od
— LaLiga English (@LaLigaEN) February 24, 2021
18 ލަނޑާއި 3 އެސިސްޓާއެކު ލަނޑު ލިސްޓުގެ އެންމެ ކުރީގައި މެސީ އޮތްއިރު ދެވަނާގައި އޮތީ މެސީގެ އެކުވެރި ސުއަރޭޒްއެވެ. މިލިސްޓުން ދެވަނަ ސުއަރޭޒަށް ލިބެނީ އޭނާ މިހާތަނަށް ކާމިޔާބުކުރި 16 ލަނޑާ 2 އެސިސްޓާއެކުގައެވެ.
ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ލިބިފައިނުވާތީ ރޭގެ މެޗަށް ނުކުތީ ވަރަށް ބޮޑަށް ނަތީޖާ އަށް ފޯކަސް ކޮށްގެން ކަމަށެވެ. އަދި ރޭގެ މެޗުގައި މެސީގެ ފަރާތުން ފެނުނު ކުޅުމާއި ލީޑަޝިޕަށް ކޫމަންވަނީ ތައުރީފުކޮށްފައެވެ.
ލީގުގައި ބާސެލޯނާ ދެން ވާދަކުރަންޖެހޭނީ ތާވަލްގެ ހަތަރު ވަނާގައި އޮތް ސެވިއްޔާއާ ދެކޮޅަށެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިމެޗު ކުޅޭނީ ސެވިއްޔާ ދަނޑުގައެވެ. މިމެޗުން މޮޅުވެ، ބާސެލޯނާއަށްވުރެ ކުރިއަށް އެރުމުގެ ފުރުޞަތު ސެވިއްޔާއަށް އޮތްކަންވެސް ފާހަގަކޮށްލެވެއެވެ.



