ޖަންނަތު (02)

(ފުރަތަމަ އަދަދާއި ގުޅޭ)

ވޭނުގައި އިން އިރު ޖަންނަތުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އެދުވަހު މަންމައާ ދައްތަގެ ނަސޭޙަތް އަޑު އެހުނު ނަމައެވެ. ރައްޓެހިން ދެއްކި ވާހަކަތައް ޤަބޫލުކުރެވުނު ނަމައެވެ. ނަމަވެސް މިއަދު ކުރާނެކަމެއް ނެތެވެ. ނަމަޔަކުން ކެއްކޭނެ ރިހަޔެއް ނޯންނާނެއެވެ. އޭނާއަށް މިއަދު އާދެވިފައި އެހެރީ ޖަންގައްޔެއްގެ އެންމެ އެތެރެއަށެވެ. ނުކުމެވޭނެ އެއްވެސް މަގެއް ދުރުދުރަށްދާންދެންވެސް ފެންނާކަށް ނެތެވެ.

ގޮޅި ތެރެއަށް ޖަންނަތު ވަދެގެން އައި އިރު ގިނަ މީހުން ތިބީ އޮށޯވެއެވެ. ކުރާނެ މާ ގިނަ ކަންތައްތަކެއް ނޯންނާތީ އެންމެންވެސް ތިބެނީ ފޫހިވެފައެވެ. ނަމަވެސް އެއީ މިއަދު އެމީހުންނަށް ހުރި ގޮތެވެ.

"ކޮބާ ކިހިނެއްވީ؟ އެއްވެސް ކުރިއެރުމެއް ލިބޭ ގޮތް ވެއްޖެތަ؟" އާންމުކޮށް ޖަންނަތުއާ ޖެހިގެން ނިދަން އޮންނަ ޒީނިޔާ ސުވާލުކޮށްލިއެވެ. ނުނިދިގެން ތިބޭ ބައެއް ރޭރޭ އެދެމީހުން ކޮންމެވެސް ވަރަކަށް ވާހަކަދައްކާލާ ހަދައެވެ. އެއީ ޖަންނަތުއާ ދާދި އެއް އުމުރެއްގެ އަންހެނެކެވެ. ކަންކަމުގެ މާ ބޮޑު ތަފްސީލުތަކެއް ކިޔައި ނުދިން ނަމަވެސް ޒާތީ ބައެއް ކަންކަން ދެމީހުންވެސް ކޮންމެވެސް ވަރަކަށް ހިއްސާކޮށް ހަދައެވެ.

ޒީނިޔާ ކުރި ސުވާލުގެ ޖަވާބެއްގެ ގޮތުން ޖަންނަތު ދެފަރާތަށް ބޯ ހޫރާލިއެވެ. އެވަގުތު އޭނާ ހުރީ އެއްވެސް މީހަކާ ވާހަކަ ދެއްކޭނެފަދަ ޙާލަތެއްގައެއް ނޫނެވެ. އެހެންކަމުން އަވަސްއަވަހަށް ބާލީހުގައި ދެފަހަރަކު އަތުން ޖަހާލުމަށްފަހު އަރިއަކަށް އޮށޯވެ އެހެން މީހުންނާ ފުރަގަސްދިނެވެ. ޒީނިޔާއަށްވެސް އެއްޗެއް ވިސްނިގެން ކަންނޭނގެއެވެ. އިތުރު އެއްވެސް ސުވާލެއް ނުކޮށް މަޑުން އޮތެވެ.

ޖަންނަތު އޮށޯވެ އިރުކޮޅެއް ނުވެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފައިބައިގަތެވެ. އެހެންކަމުން އަޑު ނުކުމެދާނެތީ އޭނާ އަނގަމަތީގައި އެއް އަތް އަޅާ ބާރުކޮށްލިއެވެ. މިހާރަކަށްއައިސް އެގޮތަށް އޭނާ ކަރުނަ ނުއޮހޮރާ ދުވަހެއް މަދު ވާނެއެވެ. މިނިވަންކަމާއެކު ރޮއިލުމަކީވެސް އޭނާއަށް ނުލިބޭ ފުރުސަތެކެވެ. ސަބަބަކީ މީހުންގެ ސުވާލުތަކާ ކުރިމަތިލާހާ ހިތްވަރެއް މިހާރު އޭނާގެ ގަޔަކު ނެތެވެ.

އިރުކޮޅަކު ރޮއިލުމުން ޖަންނަތުގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން އޭނާ މަޑުމަޑުން ދެލޯ މަރާލިއެވެ. އެވަގުތު އޭނާގެ ޚިޔާލުތައް ދަތުރުކުރަން ފެށީ މާޒީގެ ތެރެއަށެވެ.

ޖަންނަތުގެ އުމުރުން ދެއަހަރުގައި އޭނާގެ ބައްޕަ ޖައުފަރު ނިޔާވީ ހާރޓްއެޓޭކެއް ޖެހިފައެވެ. އޭރު ޖަންނަތުގެ ދޮށްޓަށް ހުންނަ ޖަދުވާގެ އުމުރުން ހަތް އަހަރެވެ. އެހެން މީހަކަށް ބަރޯސާވާން ބޭނުންނުވާތީއާއި ދެ އަންހެން ދަރިންގެ މުސްތަޤުބަލާމެދު ވިސްނާފައި ހިތާމަތަށް ފޮރުވާލުމަށްފަހު ޖަންނަތުގެ މަންމަ ހުސްނާ ނިންމީ ވަޒީފާއަކަށްގޮސްގެން ގޭގެ ޚަރަދުބަރަދު ބަލަހައްޓާށެވެ. ނަސީބަކުން ވަރަށް ފަސޭހައިން ރަށު ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ ހުސްނާއަށް ލިބުނެވެ. އޭރު އަދި ޖަންނަތަށް ތަންދޮރު ވަކި ނުވި ނަމަވެސް ޖަދުވާ ހުރީ ވާނުވާ އެނގޭ ވަރުވެފައެވެ. އެހެންކަމުން ހުސްނާ ވަޒީފާއަށް ދާ ގަޑީގައި ޖަންނަތު ބެލުމުގެ ކަންތައްތައް ހަވާލުކުރީ ޖަދުވާއާއެވެ. ސްކޫލް މެނޭޖްމަންޓްގައި އެދިގެން ހުސްނާގެ ޑިޔުޓީ ގަޑި ހަމަޖެއްސީ ޖަދުވާގެ ސްކޫލް ގަޑިއާ ފުށު ނާރާ ގޮތަށެވެ. ދެ އަހަރުގެ ކުއްޖަކު ބެލުމަކީ ޖަދުވާގެ އުމުރުގެ ކުއްޖަކާ އެކަށީގެންވާވަރުގެ ކަމަކަށް ނުވިނަމަވެސް ހުސްނާއަށް އެނޫންގޮތެއް ނެތެވެ. ޖައުފަރު ދުނިޔޭގައި ދެ ފަރާތު ޢާއިލާ މީހުން ގެއަށް ވަދެލައި އުޅުނު ނަމަވެސް ޖައުފަރު ނިޔާވުމުން އެ ތިންމައިންގެ ޙާލު ބަލާލާނެ މީހަކުވެސް ނުވިއެވެ. ފަހަރެއްގާ ތިންމައިންގެ ޚަރަދުތައް ބަލަހައްޓަން ޖެހިދާނެތީކަމުގައި ވެދާނެއެވެ. ނަމަވެސް ހުސްނާ އެކަމާމެދު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ހިތްވަރާއެކު އަތުކުރި އޮޅާލީ ދެ ދަރިންގެ ޙައްޤުގައެވެ.

ހުސްނާއަކީ މުރާލި އަންހެނެކެވެ. އެހެންކަމުން ޑިޔުޓީއަށް ނުދާ ވަގުތުތަކުގައި ހެދިކާ ހެދުމަށްފަހު ވިއްކައިގެންވެސް އިތުރު އާމްދަނީއެއް ލިބޭތޯ މަސައްކަތް ފެށިއެވެ. އޭނާގެ ބުރަ މަސައްކަތުން ލިބޭ އެއްޗަކުން ގޭތެރޭގެ ޚަރަދުތައް ހަމަޖައްސާލުމަށްފަހު ފަހަށްވެސް ކޮންމެވެސް އެއްޗެއް ރައްކާކުރެވޭތޯ ބަލަމުންދިޔައެވެ. ދަރިންނަށް ކިޔަވައިދީގެން މޮޅު ބަޔަކަށް ހެދުމަކީ ހުސްނާއާއި ޖައުފަރު އެކުގައި ދެކެމުން އައި ހުވަފެނެކެވެ. އެހެންކަމުން ހުސްނާ ކުރިއަށް ދިޔައީ އެހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައި ކުރެވެން ހުރީއްޔާ ހުރި މަސައްކަތެއް ކުރުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.

ޖަންނަތު ބެލެހެއްޓުން ހަވާލުވި ހިސާބުން ޖަދުވާގެ މައިގަނޑު މަސައްކަތެއްކަމުގައި ދެކުނީ ކޮއްކޮގެ ކަންތައްތައް ވީ އެންމެ ރަނގަޅަކަށް ކޮށްދިނުމެވެ. އެއީ މަންމަ އުޅޭ ޙާލު އެންމެ ކައިރިން ފެންނަ މީހަކީ އޭނާ ކަމުގައިވާތީއެވެ. ވީ އެންމެ ބޮޑަކަށް މަންމައަށް އެހީވާން އޭނާ ބޭނުންވިއެވެ. ބޮޑުވަމުން އައިވަރަކަށް ބަދިގޭގެ މަސައްކަތްތަކާއި ގޭތެރޭގެ ކަންތައްތަކުގައި އަތް ގާތްކޮށްދެވޭވަރުވުމުން އޭނާ އެކަންކަމުގައިވެސް މަންމައަށް އެހީތެރިވެދޭން ފެށިއެވެ. އެހެންކަމުން ޖަދުވާ ވީ ކިޔެވުމާ ތަންކޮޅެއް ދުރު ކުއްޖަކަށެވެ. ނަމަވެސް ޖަންނަތު އޭގެ އިދިކޮޅެވެ. އޭނާ އަބަދުވެސް ކްލާހުން އެއްވަނަ ހޯދައެވެ. މަންމައާ ދައްތަގެ ފުރިހަމަ އަޅާލުމާއި ލޯބި ލިބޭތީ ޖަންނަތަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ.

ވަރަށް ހިތްވަރާއެކު ޖަދުވާވެސް އޯލެވެލް ނިންމާލިއެވެ. އެއަށްފަހު އޭނާ ދެން އިތުރަށް ކިޔަވާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ވަޒީފާއެއް އަދާކުރާށެވެ. މަންމައަށް ލުޔެއް ހޯދައިދިނުމުގެ އިތުރުން ކޮއްކޮ ބޭނުންވާ ވަރަކަށް ކިޔަވައިދިނުމަށް ފުރުސަތު ފަހިކޮށްދޭން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާއަށް ރަށު އޮފީހުން ސެކްރެޓަރީއެއްގެ ވަޒީފާ ލިބުމާއެކު ހުސްނާއަށް ގޭގައި މަޑުކުރަން އަންގާފައި ޖަދުވާ ގޭގެ ހުރިހާ ޚަރަދަކާ ޙަވާލުވިއެވެ. ނަސީބަކުން ހުސްނާ ހިތްވަރާއެކު ކުރި މަސައްކަތުގެ މޭވާ ވަރަށް ފޮންޏެވެ. އޭނާގެ ދެ ދަރިންވެސް ވީ އޭނާދެކެ ލޯބިވާ، އޭނާއަށް އިޙުތިރާމްކުރާ ދެ ކުދިންނަށެވެ.

ޖަންނަތު އޯލެވެލް ނިންމީ ވަރަށް ފުރިހަމަ ކާމިޔާބީއަކާއެކުގައެވެ. ސްކޫލުން އެއްވަނަ ލިބުމުގެ އިތުން ނޭޝަނަލް ޓޮޕް ޓެންގެ ހަތަރުވަނަ އޭނާއަށް ލިބުނެވެ. އެހެންކަމުން އޭލެވެލް ހެދުމަށާއި ޑިގްރީއަށް ކިޔެވުމަށްޓަކައި ޖަންނަތު މާލެ ފޮނުވަން ޖަދުވާ ނިންމިއެވެ. ޖަންނަތަށް އެއްވެސް ކަމަކަށް ދަތިވެދާނެތީ އޭނާއާއެކު ހުސްނާވެސް ފޮނުވަން ޖަދުވާ ހަމަޖެއްސިއެވެ. ޖަދުވާ އެކަނި ރަށުގައި ބަހައްޓާފައި ދާން ހުސްނާ ވަރަށް ދެކޮޅުހެދިއެވެ. ނަމަވެސް އެއީ ޖަންނަތަށް އެންމެ ރަނގަޅު ގޮތްކަމުގައި ޖަދުވާ ވިސްނައިދިނުމުން ހުސްނާއަށް ޖެހުނީ ހަތިޔާރު ބަހައްޓާފައި އެގޮތާ ރުހި ޤަބޫލުވާށެވެ. ހިތަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް ޖަންނަތުގެ ކުރިމަގަށް ވިސްނާފައި ހުސްނާ މާލެ ބަދަލުވީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.

މާލޭގައި ހުސްނާމެން ތިބީ ރައްޓެއްސެއް ކުއްޔަށް ހިފާފައި ހުންނަ ތިން ކޮޓަރީގެ އެޕާރޓްމެންޓަކުން އެއް ކޮޓަރި ކުއްޔަށް ހިފައިގެންނެވެ. ނަސީބަކުން އެގޭގައި މާ ގިނަ ބަޔަކު ނޫޅެއެވެ. އެގޭގައި އުޅެނީ ހުސްނާގެ ރަޙްމަތްތެރި ސީމާގެ ދެމަފިރިންނާއި އެމީހުންގެ ދެ އަންހެން ކުދިންނެވެ. އެމީހުންނަކީ ރަށު ބަޔަކަށްވެފައި، ގޮތް އެނގޭތީ ހުސްނާ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހުނެވެ.

ކިޔެވުން ފެށުމާއެކު ޖަންނަތަށް ދުވަސްތައް ދާ ގޮތްވެސް ނޭނގުނެވެ. ކިޔެވުމުގެ އިތުރުން ޖަންނަތަކީ އިތުރު ޙަރަކާތްތަކުގައިވެސް ބައިވެރިވާ ކުއްޖެއްކަމުން އުޅެން ޖެހުނީ ވަރަށް އަވަދި ނެތިކޮށެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް އޭނާ ގަދައަޅާ މަސައްކަތްކުރަމުން ދިޔައީ މަންމައާ ދައްތަ އޭނާއަށްޓަކައި ވަމުންދާ ޤުރުބާނީގެ އަގު ވަޒަންކުރުމުގެގޮތުންނެވެ.

ޖަންނަތު އޭލެވެލް ކިޔަވަން ފެށި ފުރަތަމަ އަހަރުގެ ޗުއްޓީއާ ދިމާކޮށް ޖަދުވާ މީހަކާ އިނެވެ. އެކަންވީ ހުސްނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ޖަދުވާ ކައިވެނި ކުރީ ރަށާ ކައިރި ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދާ އެހެން ރަށެއްގެ ކުއްޖަކާއެވެ. ކައިވެނިކުރިކަމުގައިވީނަމަވެސް މަންމައާ ކޮއްކޮގެ ޚަރަދުތައް ބަލަހައްޓަން ޖަދުވާ ބޭނުންވީ އޭނާއަށް ލިބޭ އެއްޗަކުންނެވެ. އެހެންކަމުން ޖަދުވާގެ އެދުމުގެ މަތިން އެދެމަފިރިން ދިރިއުޅެން ނިންމީ ޖަދުވާމެންގެ ރަށުގައެވެ. ރަށުން ލިބިފައިވާ ވަޒީފާ ދޫކޮށްލައިފިނަމަ ޖަންނަތުގެ އެއްވެސް ކަމަކަށް ހުރަސް އެޅިދާނެތީ އެއްވެސް ހިރާހެއް ނަގަން ޖަދުވާ ބޭނުން ނުވީއެވެ. ނަސީބަކުން ޖަދުވާގެ ފިރިމީހާ ޙަސަން ވީ ޖަދުވާދެކެ ލޯބިވާ، ވަރަށް ހެޔޮ ފިރިއަކަށެވެ.

ޖަންނަތު އޭލެވެލް ފަހު އިމްތިޙާން ފެށެން އުޅެނިކޮށް ޖަދުވާ ބަނޑުބޮޑުވިކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އެހިސާބުން ހުސްނާއަށް ޖެހުނީ ކޮންމެވެސް އެއްކޮޅެއް ޚިޔާރުކުރާށެވެ. ކޮންމެ ގޮތެއްވިޔަސް ޖަދުވާއަށް ވަޒީފާއަށް ދެވޭނީ އޭނާއަށް އެހީވާނެ ކޮންމެވެސް މީހަކު ގޭގައި ހުރެގެންނެވެ. އެކަންވެސް ގުޅިފައި އޮތީ ޖަންނަތުގެ ކުރިމަގާއެވެ. އެހެންކަމުން ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ހުސްނާ ނިންމީ ޖަންނަތު އެކަނި ބަހައްޓާފައި ރަށަށް ބަދަލުވާށެވެ. ސީމާއަށް އިތުބާރުކުރެވޭތީއާވެސް އެކުގައެވެ.

އެއްވެސް މީހަކަށް ނޭނގުނުކަމުގައިވީނަމަވެސް އެކަން ވެގެންދިޔައީ ޖަންނަތުގެ ޙަޔާތުގެ މުޅިން އައު ބާބެއްގެ ފެށުންކަމުގައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
332
ގުޅުންހުރި ލިޔުންތައް

2 Responses

  1. އާބި

    ވަރަށް ރީތި

    1
    1
  2. ނީ

    , ވަރަށް ރީތި ވާހަކަ އެއް ފުރިހަމަ ????????????????????????

    2
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ