ކޮވިޑް-19ގައި މިހާރު މާލެ މިއޮތީ ކޮންޓްރޯލުން ނެއްޓިފައި ކަމަށާއި، މާލެ އޮތީ ލޮކް ޑައުން ކުރާ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގެ ހާލަތު ފުރަބަންދު ކުރަން ޖެހޭ ހާލަތެއްގައި އޮތް ނަމަވެސް ވީހާވެސް ބޮޑަކަށް މަސައްކަތް ކުރަމުން ދަނީ ފުރަބަންދަކަށް ނުގޮސް ހިފެހެއްޓުމަށް ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމްއަށް ކަމަށްވާ އިރު، ފުރަބަންދަކަށް ދިއުމުގެ ގާބިލުކަން ނެތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އެކަމަކު އަތޮޅުތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
"އެހެންނަމަވެސް މިހާރު ދިވެހިރާއްޖޭގެ މާލޭގެ ހާލަތު، މުޅި ރާއްޖެއެއް ނޫން އަދި ރިސޯޓުތަކުގެ ހާލަތެއް ވެސް ނޫން. އެކަމަކު މާލެ މިއޮތީ ރީއްޗަށް ލޮކްޑައުންއަކަށް ދާ ފެންވަރުގައި. އެހާ ނުރައްކާތެރިކޮށް މާލެ މިއޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ހުރިހާ އެންމެންގެ ވެސް އެއްބާރުލުމާއެކު ކަމަށާއި މިކަމުގައި އެންމެންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.



