ހެލްތު މިނިސްޓްރީއަށް ނޭނގި ޑޮކްޓަރުންނަށް ފިލައިގެން ފުރައިގެން ނުދެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ، ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްމުޣުނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާއި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުޣުނީ މިނިސްޓަރާއި ސުވާލުކުރެއްވީ، މުޅި އަތޮޅަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ދޭ މައި ހޮސްޕިޓަލަކީ ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށްވާއިރު އެތަނުގައި ހަރުލާނެ ހޭނައްތާ ޑޮކްޓަރަކު ލިބޭނެ އިންތިޒާމް ހަމަޖެހިގެން ގޮސްދާނެކަމާ މެދުގައެވެ.
ޖަވާބުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ދާދި ފަހުން ފޮނުވި ފަސް ޑޮކްޓަރުންވެސް ފިލައިގެން ގޮސްފައިވާ ކަމަށާއި، ފިލައިގެން ދިޔައީ ކިހިނެތްކަން މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"ތިނަދޫ ހޮސްޕިޓަލަށް އަޅުގަނޑުމެން މިދޭތެރެއިންވެސް ފޮނުވިން ފަސް ޑޮކްޓަރުން، ފޮނުވީމާ ފިލައިގެން ދިޔައީ އެމީހުން. އަޅުގަނޑަކަށް ނޭނގި ކިހިނެތް ކަމެއް ފިލައިގެން ދިޔައީކީ. އަޅުގަނޑުމެންނަށް ޑޮކްޓަރުން ފޮނުވާ އެކަހަލަ ކަންކަން އެތަނަށް އެބަކުރެވޭ. ދެން ހިފެހެއްޓޭތޯ ބައްލަވާދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. ދެން އަނެއްކާ އެމީހުން ފިލައިގެން ދިއުމުގެ ކުރިން އަޅުގަނޑުމެންނަށް އެނގޭކަމަށްވަންޏާ އަޅުގަނޑުމެންނަށް ހުއްޓުވޭނެވެސްމެ އެއާޕޯޓާއި ހަމައިން. އެ އިންތިޒާމްވެސް އަޅުގަނޑުމެން ވާނީ މިހާރު ހަމަޖައްސާފައި. އެއީ ހަމަ ތިނަދޫގައި އެ ދިމާވި ހާދިސާއާއި ގުޅިގެން އަޅުގަނޑު އިމިގްރޭޝަނާ ވާހަކަދައްކައިގެން އަޅުގަނޑުމެންގެ އިޒްނައެއްނެތި އެހެން ފުރައިގެން ނުދެވޭނެގޮތަށް. އެއީ އެމީހުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެންޖެހޭ އުޖޫރަތަކެއްވެސް އެބަހުރޭ. އަޅުގަނޑުމެން އެތައް ހަރަދެއް ކޮށްގެން އެމީހުން ގެންނަނީ. އެހެންވީމާ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ޑޮކްޓަރުން ފޮނުވާ ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ތިއްބަވާ ވެރިން އެމީހުންނަށް ވާނުވާ ގޮތް ބައްލަވާ ތަންކޮޅެއް ގާތުން މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން ފުރައިގެނެއް ނުދެވޭނެ ދެނެއް." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިހިނގާ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި ތިނަދޫގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އަދި މިހާރު ހުރި ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ދާކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.



