ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޔުނިޓުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ޖޫން 1 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން، މުދާއުފުލާ އުޅަނދުފަހަރާއި ޕަސިންޖަރުން އުފުލާ އުޅަނދުތައް ބަލައިފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކޮށްފައިވާ ސީވާދިނަސް ހުއްދައާއި އެއްގޮތަށް އުޅަނދު ފަަހަރުގެ ސަލާމަތީ ކަންކަން ހުރިތޯ ބެލުމާއި، އެއުޅަނދެއް ދުއްވަނީ ލައިސަންސް އޮތް ފަރާތެއްތޯ ކަށަވަރު ކުރުމާއި އެއްވެސް އުޅަނދެއްގައި ކެޕްޓަނުންގެ ގޮތުގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވޭތޯ ބެލުމަށް ހަމަޖެހިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"ކަނޑުމަތިން އެއްވެސް އުޅަނދަކަށް ހާދިސާއެއް ދިމާވެއްޖެނަމަ ފުުލުހުންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން އެންމެ އަވަސް ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކައި، މިޕްރޮގްރާމްގެ ދަށުން ބަލައިފާސްކުރެވޭ އުޅަނދު ފަހަރުގެ ވެރިފަރާތުގެ މަޢުލޫމާތާއި އުޅަނދު ދުއްވާ ފަރާތުގެ މަޢުލޫމާތާއި ފަޅުވެރިންގެ މަޢުލޫމާތު ނަގައި އެފަރާތްތަކާއި ގުޅޭނެ ނަންބަރުވެސް ދަނީ ނަގަމުން." ފުލުހުން ވިދާޅުވިއެވެ.
މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 36 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ.




